ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތް ނުވާތީ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދާ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދުއެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންވެސް ވޯޓު ދެއްވާފައިވަނީ މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށެވެ.
ޒިޔާދު ވިދާޅުވީ މި މައްސަލަ ހުށަހެޅީ މިހާރުވެސް 120 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް، ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި، ބޮޑުކަންނެލީގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވީއިރު، މިއަދާ ހަމައަށްވެސް އެ ވައުދުތަކާ އެއްގޮތަށް އެކަންތައްތައް ކުރައްވާފައި ނުވާކަމަށް ޒިޔާދު ވިދާޅުވިއެވެ.
އޭގެ ސަބަބުން މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދިމާވާ ދަތިތައް އިތުރުވަމުން އަންނަކަމުގެ ޝަކުވާ މަސްވެރިން ކުރާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ބޮޑުކަންނެލި ބާނައިގެން އަންނަ ދޯނިތައް މަސް ކިރުމަށްޓަކައި އެތައް ދުވަހެއް ވަންދެއް ކިޔޫގައި މަޑުކުރަން ޖެހުން އާންމު ކަމަށްވެފައިވާ ކަމަށާއި، މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު އެކަށީގެންވާ މިންވަރަށް މަސް ކިރޭނެގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތަކެއް ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔޭގެ އިގްތިސާދު ކުރިއަރަމުންދާ ދިޔުމުގައި، މަހުގެ ޑިމާންޑް މަތިވަމުންދާ ދަނޑިވަޅުތަކުގައިވެސް ރަނގަޅު އަގުގައި މަސް ނުވިކޭކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މަސްވެރިންނާއި މަސްވެރި އާއިލާތަކަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބަޔަކަށްވާއިރު، މިފަދައިން އެ ސިނާއަތުގެ ކަންކަން ދަށަށް ދިއުމަކީ މަސްވެރިންގެ އަދި މަސްވެރި އާއިލާތަކުގެ މާލީ ހާލަތު ދަށްވެ، އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.