ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓު މެނޭޖަރު، އަބްދުލް އަހަދު | ފޮޓޯ: ފޭސްބުކް

ކަރެކްޝަނާ ހަވާލުކުރަން ކުޅުދުއްފުށި އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރުކޮށްފި

މޫސާ އަލީ
 
1 ދުވަސް ކުރިން

ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓު މެނޭޖަރު، އަބްދުލް އަހަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އަހަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަރެކްޝަންސްއާ ހަވާލުކުރުމަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަހަދު ހައްޔަރުކުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެންކަމެއް ސާފެއް ނޫނެވެ.

އަހަދު ހައްޔަރުކޮށްފައިވާއިރު، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވި މައްސަލައެއްގައި އޭނާ މައްޗަށް މީގެ އަހަރުތަކެއް ކުރި ދައުވާ އުފުލާފައިވެ އެވެ. 

އެ މައްސަލައިގެ އަޑުއެހުމެއް މި ފަހުން ބާއްވާފައިވެސްވެއެވެ.

އަހަދަކީ، މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކުޅުދުއްފުށީގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އޭނާއަކީ، ސިޔާސީ ގޮތުން ބައެއް ފަރާތްތަކާ ގުޅުން ރަނގަޅު މީހެއްކަން އެނގިފައިވެއެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުވެސް ހިމެނެއެވެ. 

އެނގިިފައިވާ ގޮތުގައި އަހަދުގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުތައް ކުރެވެން ފެށުމުން އޭނާ ވަނީ ޒުވާނުންނަށް އަމާޒުކޮށްގެން "ލެޝޮޓް ފުޓްސަލް ޓޯނަމަންޓް" ގެ ނަމުގައި ކުޅުފުއްފުށީގައި ފުޓްސަލް މުބާރާތެއްވެސް ބާއްވައިފައެވެ.