ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތުގެ އަޑުއެހުންތަކަށް ހާޒިރުވާން ޝަރުތުކޮށް ކޯޓުން ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި މަންޑޭގެ މައްޗަށް ޖުމްލަ 104 ދައުވާއެއް ދައުލަތުން ކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ، އޮޅުވާލުމުގެ 50 ދައުވާ، ސައްހަނޫން ލިޔުން ދިނުމުގެ 3 ދައުވާ އަދި މަނީ ލޯންޑްރިންގގެ އެއް ދައުވާއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރެވޭ މައްސަލަކަމަށް ފާހަގަކުރެވެއެވެ.
މަންޑޭ ޝަރީއަތަށް ހާޒިރުނުވުމުގެ ސަބަބުން ގިނަ އަޑުއެހުންތައް ކުރިއަށް ނުގެންދެވި ލަސްވަމުންދާއިރު، މި މައްސަލައިގައި އަދިވެސް 13 މީހެއްގެ ހެކިބަސް ނަގަން ޖެހެއެވެ. އޭގެ ތެރެއިން ގިނަ މީހުން މިވަގުތު ތިބީ ރާއްޖެއިން ބޭރުގައެވެ.
މި މައްސަލައިގެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭއަށް 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްކަމަށް ވެއެވެ. މައްސަލައިގެ ދެން އޮންނަ އަޑުއެހުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ.
މަންޑޭގެ އިތުރުން މި މައްސަލާގައި ޖައިޝަން ސައީދުގެ މައްޗަށްވެސް 95 ދައުވާއެއް ދައުލަތުން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.