ދަނޑުވެރިކަމުގެ އާ ގޮތްތައް ތައާރަފްކުރަން މިނިސްޓަރު މާރިޔާ އެފްއޭއޯގެ ޑީޖީއާ މަޝްވަރާކުރައްވައިފި

ނާއިފް ހަލީމް
 
1 ދުވަސް ކުރިން

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ )ގެ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ޗޫ ޑޮންގްޔޫ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން ކުރިޔަށް ގެންދަވާފައިވަނީ އެފްއޭއޯގެ 44 ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އެފްއޭއޯ އާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން އިތުރު ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާގައި އައު ގޮތްތައް ތަޢާރަފުކުރުމަށް އިސްކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

🔹 ދަނޑުވެރިކަމުގައި ޑިޖިޓަލް ޙައްލުތަކާއި އައު ގޮތްތައް 

🔹 މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ކާބޯތަކެތީގެ ނިޒާމުތައް 

🔹 ކެއުން ބުއިމުގެ ރަނގަޅު އާދަތަކަށް އަމާޒުކުރެވިފައިވާ ޕްރޮގްރާމްތައް

🔹 ދެމެހެއްޓެނިވި ދަނޑުވެރިކަން

🔹 ޓެކްނިކަލް ޤާބިލުކަން އިތުރުކުރުން

🔹 ޕެސްޓް އަދި ޕެސްޓިސައިޑް މެނޭޖްމަންޓް

🔹 ދިގު މުއްދަތުގެ ކޮންސަލްޓަންސީ އެހީތެރިކަން

🔹 ދިވެހިރާއްޖޭގެ 10 އަހަރުގެ ދަނޑުވެރިކަމުގެ މާސްޓަ ޕްލޭނެއް އެކުލަވާލުން 

މި މަސައްކަތަކީ ދިވެހިރާއްޖެ އާއި އެފްއޭއޯ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާވާނެ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޤައުމީ ލަަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.