ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުންނެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުން ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް ހޭދަކުރުމަށް ކަނޑައަޅާފައިވަނީ 12.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމުތަކަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އޭގެ ތެރެއިން ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫއުތަކަށެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީން ބޮޑަށް ހޭދަކޮށްފައިވަނީ ބިން ހެދުމާއި މަގު ހެދުން ފަދަ މަޝްރޫއުތަކަށެވެ.
މީގެ އިތުރުން މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 816.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކުރެވެއެވެ.
ވީއައިއޭގެ އާ ޓާމިނަލް ނިންމުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ އިރު، ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާ ކުރުމަށް މި އަހަރު ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާ އެކު، އެފަދަ ޕްރޮގްރާމުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމްލަ ހަރަދު ވަނީ ކުޑަކޮށްފައެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށެވެ.