މާލޭގައި ތަރައްގީކުރާ ވަގްފް އިމާރާތުގެ ބިންގާ އަޅައިފި

އާއިޝަތު އަނާ ރަޝީދު
 
15 ގަޑިއިރު ކުރިން

އިސްލާމިކް މިނިސްޓްރީގެ ބެލެމުގެ ދަށުން މާލޭގައި ތަރައްގީކުރާ ވަގުފް އިމާރާތް ކަމަށްވާ "ދާރުލްއަަރުގަމް"ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފަ އެވެ.

މި އިމާރާތުގެ ބިންގާ އެޅުމަށް މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، މި މަސައްކަތް ހަވާލުކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.

މިދިޔަ މަހު އާރުސީސީއާ ހަވާލުކުރި "ދާރުލްއަަރުގަމް" އިމާރާތް އަޅަނީ އައިލެންޑާސް ޕްރީ ސްކޫލާ ޖެހިގެން ބުރުޒުމަގާވީ ފަރާތުގައި އޮންނަ ހުސް ބިމުގަ އެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، 12 ފަންގިފިލާއަށް ހަދާ މި ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތައް ހިމެނޭނެ ތަނެކެވެ. އެގޮތުން، އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑް ފްލޯގައި ވެހިކަލް ޕާކުކުރުމަށް ޖާގަ ހުންނާނެއެވެ. އަދި ފުރަތަމަ ފްލޯގައި ރިސެޕްޝަން ހުންނައިރު، ދެވަނަ ފްލޯގައި ކޮންފަރެންސް ހޯލެއް ހުންނާނެއެވެ. އެއް ވަނަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯއާ ހަމައަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރިތައް ހިމެނޭނެއެވެ. މީގެ އިތުރުން، އިމާރާތުގެ އެންމެ މަތީ ބައި (ރޫފްޓޮޕް) ހަދާފައި ހުންނާނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އިމާރާތުގައި ލިފްޓު ހަރުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަކަށެވެ. 39.4 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ޖެހޭ މުއްދަތަކީ ދޮޅު އަހަރެވެ. މި މަޝްރޫއަށް ފަންޑުކުރަނީ ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިންގެ ދަށުންނެވެ.

މި އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. ލިބޭ އާމްދަނީގެ ތެރެއިން 20 ޕަސެންޓް ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ 80 ޕަސެންޓް ޖަމާކުރާނީ ވަގުފް ފަންޑަށެވެ.

މި މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑް ފުޅާކޮށް، އިސްލާމީ ދާއިރާއަށް އިތުރު މާލީ ފައިދާ ލިބޭނެ މަގު ތަނަވަސްކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މަޝްރޫއެކެވެ. ސަރުކާރުން ވަނީ މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަގުފް އިމާރާތަކާއި، މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް ނިންމާފައެވެ. ހުޅުމާލޭގައި އަޅާ ވަގުފް އިމާރާތުގެ މަސައްކަތް ވެސް މި މަހު ވަނީ އާރުސީސީއާ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ، ޏ. ފުވައްމުލައް، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވެސް ވަގުފްގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ކުރިން ނިންމާފަ އެވެ.