އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ފިޔަވައި، އިދާރީ ހިންގުމާއި އިސްލާމީ އެކި ހަރަކާތްތަކަށް ހިނގާ ޚަރަދުތައް އަމިއްލައަށް ހަމަޖައްސައި، 2029 ވަނަ އަހަރުގެ ނިޔަލަށް މާލީ އަމިއްލަ ފުދުންތެރިކަން ހޯދުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ތަޞައްވުރާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، "އަމާޒަކީ 2029 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ އަމިއްލަ ފުދުންތެރިކަން ހޯދައި، މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެނިހެން ހިންގުމުގެ ޚަރަދުތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުން،" ކަމަށެވެ. މިއީ މާލީ މިނިވަންކަމާއި، ދެމެހެއްޓެނިވި ވަޤުފް ތަރައްޤީއާއި، އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދެމިގެންދާ ފަޚުރުވެރި ވާރުތައެއް ދޫކޮށްދިނުމަށް އެޅޭ އިންޤިލާބީ ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޤުފުގެ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކާއި ޒަކާތުގެ ގޮތުގައި އަހަރަކު ޖުމްލަ 250 މިލިއަން ރުފިޔާގެ މާލީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ އަށް މަޝްރޫޢެއް ނިންމުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުތައް ނިމުމުން މިނިސްޓްރީއަށް މާލީ ގޮތުން ވަރުގަދަ އަދި ދެމެހެއްޓެނިވި ބިންގަލެއް އެޅިގެންދާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިސްލާމީ ދާއިރާ ތަރައްޤީކުރުމަށް މިނިސްޓްރީގެ ދިގު މުއްދަތުގެ މުއައްސަސާވި ޤާބިލުކަން އިތުރުކުރުމެވެ. މީގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި ބެލެހެއްޓުން، އިސްލާމީ ތަޢުލީމު ފޯރުކޮށްދިނުން، އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް އެހީތެރިވުން، ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް، އަދި ދެމެހެއްޓެނިވި އެހެނިހެން ދީނީ އަދި އިޖުތިމާޢީ ތަރައްޤީގެ ހަރަކާތްތައް ހިންގުން ހިމެނެއެވެ.