އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ، އޭނާގެ ފަރާތުން މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރެވިފައިވާނަމަ އެކަމަށް ޓަކައި މައާފަށް އެދިވަޑައިގެންފައެވެ.
މިކަން މިނިސްޓަރު ހާމަކުރެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާއެއްގައި އެކަނިވެރި މަޔަކު ދެއްކި ވާހަކައަކާ ގުޅިގެން ޝަހީމް ކުރެއްވި ޕޯސްޓަކަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
އާދިއްތަ ދުވަހުގެރޭ ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކި އެ އަންހެން މީހާ ވަނީ އޭނާގެ ދިރިއުޅުމުގެ ދަތިތަކާއި، ލޯފަން ދަރިއަކަށް ފަރުވާ ހޯދުމަށްފަހު އައިސް، އެހެން ކުދިންގެ ބައްޕައާ ކުދިން ހަވާލުކުރި މައްސަލަތަކުގެ އިތުރުން، އެކައުންޓުގައި ފައިސާ ރޯލްވާ ކަމަށް ބުނެ ޒަކާތު ހައުސްއިން ޒަކާތް ނުދިނުމުގެ ޝަކުވާ ހިއްސާކޮށްފައެވެ. އޭނާ ވަނީ ފެނާ ނުލައި ދިރިއުޅެން ޖެހިފައިވާ ކަމުގެ ވާހަކަވެސް ދައްކާފައެވެ.
އެ އަންހެން މީހާގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، މިނިސްޓަރު ޝަހީމް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ އަންހެން މީހާގެ މާލީ ހާލަތާ ގުޅޭ ޒާތީ މައުލޫމާތު ހާމަކުރައްވާފައެވެ. އޭނާއަށް ސެޕްޓެމްބަރު މަހު ޒަކާތު ހައުސްއިން 15،500 ރުފިޔާ ދިން ކަމަށާއި، އެކަނިވެރި މައިންނަށް ދޭ އެހީވެސް ލިބޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ފަގީރުންގެ ދަފުތަރުގައި ނުހިމެނޭ ސަބަބުތައްވެސް އޭނާ ބަޔާންކުރެއްވިއެވެ. މި ޕޯސްޓާ ގުޅިގެން މިނިސްޓަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމުން، އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކުރައްވާފައެވެ.
މިއަދު ކުރެއްވި ޕޯސްޓުގައި ޝަހީމް ވިދާޅުވީ، އޭނާގެ މަގުޞަދަކީ ޒަކާތުގެ މައުލޫމާތުތައް ހަގީގަތާ ހިލާފަށް ހާމަކުރެވޭތީ، ޒަކާތު ހައުސްއިން ރައްޔިތުންގެ އަމާނާތް އިންސާފުން ރައްދުކުރަމުންދާކަން ހާމަކުރުން ކަމަށެވެ. އަދި ޒަކާތުގެ ނިޒާމު ހިންގާ މުވައްޒަފުން ތެދުވެރިކަމާއެކު މަސައްކަތްކުރާކަން ބުނެދިނުމަށް ބޭނުންވި ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އެ އަންހެން މީހާގެ އިންސާނީ ޝުޢޫރަށް އިޙުތިރާމްކުރައްވާ ކަމަށް ވިދާޅުވެ، ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ ނިހާޔަތަށް މައާފަށް އެދިވަޑައިގެންފައެވެ. ޝަހީމްގެ ޕޯސްޓުގައި ވެއެވެ: "އަޅުގަނޑު އެ ބޭފުޅާގެ އިންސާނީ ޝުޢޫރަށް ނުހަނު މަތީ ދަރަޖައަށް އިޙުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނުނަމަ، ނުވަތަ އެފަރާތުގެ ޒާތީ މަޢުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މަޢާފަށް އެދެން."