ޑޮލަރުގެ މައްސަލަ އިންތިހާއަށް ބޮއްސުންލައިފިއެވެ. ފަތުރުވެރިކަމޭ ކިޔުނު ކުކުޅުން ޑޮލަރޭ ކިޔުނު ރަންބިސް އަޅަމުން އަަންނަތާ ބައި ގަރުނުވީއެވެ. އެކަމަކު އާންމު ރައްޔިތަކަށް ވީ ކޮން ފައިދާއެއް ހެއްޔެވެ؟ އެ ބުނާ ރަންބިހަކުން އާންމު ރައްޔިތެއްގެ ޖީބު ތަނަވަސް ނުވީ ކީއްވެހެއްޔެވެ؟ ސަބަބުތައް ބައިވަރުއިރު މި ހުރިހާ ކަމެއްގެ މުލަކީ ފަތުރުވެރިކަމުން ރާއްޖެއަށް ވަންނަހާ ޑޮލަރު، ނަހަމަ އެކި މަންފާތަކުގެ ތެރެއިން ބޭންކުތަކުން ގެއްލުމެވެ. އިއްޔެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ހިސާބުތަކާއި، ނިންމި ނިންމުންތަކުން އެ ކަން ރަނގަޅަށް ހާމަވިއެވެ. އެކަމާ އެންމެ ހިތްހަމަ ނުޖެހުނު އެއް ބަޔަކީ ބޭރަށް ދަތުރުކުރާ ދިވެހީންގެ ތެރެއިން، ޑޮލަރު ވިޔަފާރީގެ ކަޅު ބާޒާރުގައި ޝާމިލްވާ މީހުންނެވެ.
ބީއެމްއެލުގެ ނިންމުމާއެކު ހާމަވީ ކަޅުބާޒާރުގެ ވެރިން!
ބީއެމްއެލުން އިއްޔެ ނިންމި އެންމެ މުހިންމު އެއް ނިންމުމަކީ ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު، 750 އިން 125 ޑޮލަރަށް ކުޑަކުރުމެވެ. މި ނިންމުން އެ ބޭންކުން ނިންމި މައިގަނޑު އެއް ސަބަބަކީ، ބޭންކު ރޭޓުގައި ބޮޑު ލިމިޓެއް ލިބުމުން، ހަފުތާއަކަށް ވެސް ރާއްޖެއިން ބޭރަށް ދާނަމަ، ބައެއް މީހުން އެ ލިމިޓަށް ވާ ހުރިހާ ޑޮލަރެއް އޭޓީއެމުން ނަގާތީއެވެ. ނުވިތާކަށް އެއާޕޯޓުން ޓިކެޓަށް ދޫކުރާ 500 ޑޮލަރު ވެސް ނަގަނީއެވެ. ނަތީޖާއަކަށް ވަނީ ދަތުރު ނިމި، ރާއްޖެ އަންނައިރު ވެސް އޭޓީއެމުން ނަގާ ޑޮލަރުގެ ބޮޑު ބައެއް އަތުގައި ބާކީ ހުރުމެވެ.
އަތުގައި ހުންނަ ބޭންކު ރޭޓުން ނެގި ޑޮލަރު، ރާއްޖެ ގެނެސް ބޮޑު އަގުގައި، ވިއްކާލަނީ ކަޅު ބާޒާރުގައެވެ. އެތައް ހާސް ރުފިޔާއެއް އިތުރަށް ފައިދާ ވެސް ލިބޭ ގޮތަށެވެ.
"މިސާލަކަށް ބަލާނަމަ، އަޅުގަނޑުގެ އެކުވެރިއަކު މި ދަނީ ލަންކާއަށް. އޭނާ މި ދަނީ ދެ ދުވަހަށް. ދާއިރު އެބަ ނަގައޭ، ބޭންކު ރޭޓުގައި، ޓިކެޓަށް ލިބޭ 500 ޑޮލަރާއި، އަދި ފަހުން އޭނާގެ ޑެބިޓް ކާޑުން އެ ލިބޭ ލިމެޓު ހަމަވަންދެން އެ ގައުމެއްގެ އޭޓީއެމުން ވެސް ޑޮލަރު. ނިކަން ވިސްނަވާ. ދެ ދުވަހަކަށް ދާ މީހަކަށް، މާ ބޮޑު ކަމެއް ނުކުރާނަމަ 500 އެއްހައި ޑޮލަރުން އެކަނި ވެސް އުޅެވިދާނެ ދެއްތޯ. ގިނަ ފަހަރަށް މިހެން ކަޅުބާޒާރުގެ ޑޮލަރު ވިޔަފާރިކުރާ މީހުން، ހަމައެކަނި އެ ފައިސާ ނަގަނީ. ނަގައިގެން ދެން އަންނަނީ ރާއްޖެ. އޭރުން ބޭންކު ރޭޓުގައި އެ ގަނެފައި، ކަޅު ބާޒާރުގައި ބޮޑު އަގުގައި އެ މީހަކަށް އެ ވިއްކާލެވުނީމާ ކިހާ ބޮޑު ފައިދާއެއް އެ ލިބުނީ،" ބޭންކިން ދާއިރާގެ އިސްބޭފުޅަކު ކިޔައިދިނެވެ.
މިއީ އަސްލު މައްސަލައެވެ، ބައެއް މީހުން ދަނީ ރާއްޖެއިން ބޭރަށް ދުވަހަކު ދަތުރު ވެސް ނުކުރާ ވިހިތިރީސް މީހުންގެ ކާޑު ހިފައިގެންނެވެ، ގޮސް އެ ކާޑުތަކުން ވެސް ލިމިޓާހަމައަށް ޑޮލަރު ނަގަނީއެވެ. ދެން ބޮޑު އަގުގައު ވިއްކަނީ ކަޅު ބާޒާރުގައެވެ. މިއީ ޑޮލަރު އޭޓީއެމުން ނެގޭ މިންވަރު މަދުކުރަން ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބެވެ. ކަޅު ބާޒާރުގައި ބޮޑު އަގުގައި ވިއްކަން ޑޮލަރު، މިހާ ފަސޭހައިން ލިބޭ މަގެއް މީގެ ކުރިން ތަނަވަސްވެފައި އޮތް އޮތުން ނިމުމަކަށް އައުމުން އެންމެ އަސަރުކުރާނީ، މި ކަޅު ބާޒާރުގެ ވެރިންނަށެވެ. ވާނީ ގެއްލުމެވެ.
ރައްޔިތުން ނުވިސްނާ އެއް ކަމަކީ މިއީ އެވެ. ޑޮލަރަކީ ދިވެހީންނަށާއި، ރާއްޖެއަށް މުހިންމު އެއްޗެއްކަން ދަންނަން އެބަޖެހެއެވެ. ސިޔާސަތެއް ނިންމުމުން އެކަމާ ފާޑު ކިޔުމުގެ ކުރިން ވިސަނައި، ހަމަހަމަ އުސޫލަކުން ދެކޮޅު ދެނެގަންނަން ޖެހެއެވެ.
ބޭނުމަކީ ހައްލުހޯދުން
މި ނިންމުމުގެ އަސްލު ހަގީގީ ބޭނުމަކީ ކަޅު ބާޒާރު ހައްލުކުރުމާއެކު، ނަހަމަ މަންފާ ލިބޭހެން ވަކި ބަޔަކު ކުރަމުން އަންނަ ޑޮލަރުގެ ކަޅު ބާޒާރުގެ ވިޔަފާރި ހުއްޓުވުމެވެ. ދުރު މުސްތަގްބަލަށް ބަލައިނަަމަ، ކަޅު ބާޒާރު ނައްތައިލެވި، ބޭންކު ރޭޓުގައި އާންމު ފަރުދުންގެ ބޭނުންތަކަށާއި، ވިޔަފާރިތަކަށް ޑޮލަރު ލިބޭނެ މަގު ކޮށައިދިނުމެވެ. ރާއްޖޭގައި ޑޮލަރު ހިފަހައްޓައި، ދައުލަތް މުއްސަނދިކުރުމެވެ. ޖީޑީޕީގެ ހަގީގީ މަންފާ ދިވެހީންނަށް އިހުސާސްވާ ފެންވަރަށް ކަންކަން ފަހކުރުމެވެ.
އެ ކަމަކު އެ ކަން ވާން އޮތީ މި ދަނޑިވަޅުގައި، ހިއްޗަސް، އިސްލާހުކުރަން ބޭނުންވާ ކަންކަމުގައި ފިޔަވަޅު އަޅައިގެންނެވެ، ނުރުހުނަސް، ރާއްޖެއިން ބޭރަށް ދާ ކޮންމެ މީހަަކަށް ނަގުދު ފައިސާއިން 750 ޑޮލަރު ނެގޭކަށް ނުޖެެހެއެވެ. އެ ފައިސާ ނެގެން ވާނީ ބޭރުގައި ދިރިއުޅޭކަން ބޭންކަށް ސާބިތުވާ މީހުންނަށް އެކަންޏެވެ.
ސިޔާސީ ފިކުރު ކުރިއަރުވަން، އިގްތިޞާދީ މި ހަގީގަތް އޮޅުވައިލައިގެން ނުވާނެއެވެ. ޒަމާންތަކެއް ވަންދެން ޑޮލަރުން އާމްދަނީ ލިބެމުން އައި މި ގައުމު ކުރިއަރުވަން ބޭނުންނަމަ ޑޮލަރާ ގުޅޭ ސިޔާސަތުތައް ހަރުދަނާ ކުރަންޖެހެއެވެ. އާންމު ފަރުދުން ވެސް މި ކަމަށް ހޭނެން ޖެހެއެވެ. ކިޔަންވީ ފާޑެއް ނޫނެވެ. ތައުރީފެވެ.