ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް މިހާތަނަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރުވެފައިވާ ކަމަށާއި. އަދި ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ބޭއްވުނު އިންވެސްޓަރުންގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރުމަށް ގިނަ ފުރުސަތުތަކެއް ހުރި ކަމަށެވެ. މި ފޯރަމްގައި ސަރުކާރުން އިއުލާން ކޮށްފައިވާ ސޯލާ ސިޓީގެ މަޝްރޫއުގައި ސޮއިކުރެވުނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުން ކަމަށާއި އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނައުން ކަމަށެވެ.
އެސްއީޒެޑްތަކުގައި ހިންގޭނެ މަސައްކަތްތަކުގެ ތެރެއަށް ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކުރުން އިތުރުކޮށް، މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށާއި، މި އަމާޒަށް ވާސިލުވުމަށް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ސަރުކާރު އައުމަށްފަހު ރާއްޖެއަށް ބޮޑެތި އާ އިންވެސްޓްމަންޓްތަކެއް ގެނެސް، ކާމިޔާބުކަމާއެކު މަސައްކަތް ކުރިއަށްދާ ތަނެއް ނުފެންނަ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.