ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އަންނަ މަހުން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.
މިހާތަނަށް ބޭރުގެ މުއާމަލާތްތަކަށް ޑެބިޓް ކާޑުން ހަރަދު ކުރެވެނީ 250 ޑޮލަރެވެ. އެހެންވެ، މާދަމާ އިން ފެށިގެެން މި ލިމިޓް ދެ ގުނަ ވާނެ އެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާ އެކު އެ ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެސްފައިވާނެ އެވެ.
އެގޮތުން ބީއެމްއިން އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރަށް ހެދުމާއި އޭޓީއެމްއިން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖު ކުރާނެކަމަށް ބީއެމްއިމް ބުނެއެވެ.
މީގެ އިތުރުން ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުންޏެވެ. މި ގެނައި ބަދަލުތަކާ އެކު ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ މަހު ލިމިޓް ބެލުމުގައި މީގެ ކުރިން ބަލަމުން އައި ގޮތް ބަދަލުކޮށް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.