އެމްއެމްއޭއިން ދެ މަސް ތެރޭ ބޭންކްތަކަށް 23.3 މިލިއަން ޑޮލަރު ވިއްކައިފި

ނާއިފް ހަލީމް
 
15 ދުވަސް ކުރިން

ރާއްޖޭގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި އަދަދެއް މި ގައުމުގެ ބޭންކުތަކުގައި މާރުކުރުމަށް ލާޒިމުކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ ހަފުތާއަކު ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ވިއްކާ އަދަދުން ވަކި މިންވަރެއް އަނބުރާ ބޭންކުތަކަށް ވިއްކަން ފަށައި، ފާއިތުވި ދެ މަސް ތެރޭ 23.3 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމަށް މަގުފައިވާ ގޮތެއްގެ މަތީން ރާއްޖޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން, އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި އެކުލަވައިލައިފައިވާ މަނިޓަރީ ސިޔާސަތުގެ ދަށުން އަޅައިފައިވާ ފިޔަވަޅުތައް ހާމަކޮށްފައެވެ.

އެމްއެމްއޭއިން އާންމުކުރި މައުލޫމާތުގައި ވަނީ ރާއްޖެއަށް ލިބޭ ބޭރުގެ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށްވާއިރު، އެ ދާއިރާ ކުރިއަރައި ބޭރު ފައިސާގެ އާމްދަނީ އިތުރުވި ނަމަވެސް ރިޒާވް އިތުރުވެފައިނުވާކަން ފާހަގަކޮށްފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، ތެލަށް ކުރާ ޚަރަދު ބޮޑުވުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށާއި އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުވުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގެ ބިޔަ ތަރައްގީގެ މަޝްރޫއުތައް ބޭރުގެ ލޯނު އެހީ ބޭނުންކޮށްގެން ހިންގާއިރު، ބޭރުގެ ދަރަނި ބޮޑުވުމުން ފާއިތުވި ދެތިން އަހަރު ސަރުކާރަށް ބޭރުގެ މާލީ އެހީ ހޯދަން ދަތިވެފައިވާކަން މަރުކަޒީ ބޭންކުން ފާހަގަކުރިއެވެ.

އެހެންވެ، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މި ގައުމުގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ އައު ގަވައިދެއް ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ.