އައްޑޫ ސިޓީގެ ހަންކެޑެ ހަލާލް ޓޫރިޒަމަށް ހާއްސަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިރޭ އެކްސްގައި ވިދާޅުވެފައިވަނީ މިއީ އައްޑޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީ ސަރުކާރުން އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް ހާއްސަކުރުމަކީ އެ މަޝްރޫޢު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ކުރާ ކަމެކެވެ. އަދި ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަންކެޑެ މަޝްރޫޢުއަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫޢުއެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ފައިސާހަމަޖެހި، އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީއެވެ. ނަމަވެސް އެކަން ވެސް އަދި ކުރެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއްކަމަށް ވިދާޅުވެ، އައްޑޫގެ ރައްޔިތުން އިގުތިސާދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި ކަމަށް ފާހަގަކުރެއްވިއެވެ.