މުހިންމީ ތެމޫތަ؟ ނޫނީ ގައުމުތަ؟

ނާއިފް ހަލީމް
 
6 ދުވަސް ކުރިން

މުޅި ހޯމްފީޑް އިއްޔެ ފުރިފައިއޮތީ ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއާއި ދިމާލަށް ''ބަވާފައި'' ލިޔެފައިވާ ސްޓޭޓަސްތަކާއި ކޮމެންޓު ތަކުންނެވެ. "ބަވާ ނަގަނީ"އެވެ. ނިކަމެތި ރައްޔިތުންނަށް ދެރަގޮތް ހަދާ ވާހަކައާއި ރައްޔިތުންގެ ޖީބަށް ސަރުކާރުން "އަތްބާނާ" ވާހަކައެވެ. ކަރުގައިހިފާ ފިތައިލައިފި ވާހަކައެވެ. ގިނަ ކޮމެންޓުތަކުގައި ލޯކަލް ކައުންސިލް އިންތިހާބުގައި، މި ސަރުކާރުގެ ކަރުގައި ހިތިރަހަ ލައްވާލާނެ ވާހަކައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ. އެކަމަކު ވެގެން މި އުޅެނީ ކީއްކަމެއް އެއްވެސް މީހަކު މާ ރަނގަޅަކަށް އެނގޭކަށް ނޫޅެއެވެ. ސިކުނޑި ހުޅުވައި ފިކުރުކޮށްފައެއް ނެތެވެ.

"އުޑުބޮލަށް ވެއްޓިގެން" މިއުޅެނީ، ކުރިން 250 ޑޮލަރަށް ތިރިކޮށްފައި އޮތް ޑޮލަރު ލިމިޓު، 500 ޑޮލަރަށް އިތުރުކުރިއިރު ދިވެހިން މިހާރަކަށް އައިސް އާންމުކޮށް އޮންލައިންކޮށް އެއްޗެހި ގަންނަ 6 ސައިޓަކުންކުރާ ޑޮލަރު މުއާމަލާތްތަކުން 30%ގެ ޗާޖެއްގެ ވާހަކަ އައި ހިސާބުންނެވެ.

ދިވެހިން މިބުނާ ސައިޓުތަކުން ވިޔަފާރި ކުރާ މިންވަރަކީ ކޮބައިހެއްޔެވެ! އެއްޗެހި އޯޑަރު ކުރާލެއް ގިނަކަމުން ޕޯސްޓު އޮފީހަށް "އޮބިނޯވެ" އިތުރު މުއައްޒަފުން ނަގަން ޖެހުނީއެވެ. މަސައްކަތުގެ ގަޑި ދަންމާލާ ހިސާބަށް ދިޔައީއެވެ. ޓީމޫއިން ދިވެހިރާއްޖޭގައި އޮފީސްހުޅުވައި، ޑިސްޓިރިބިއުޝަން ސެންޓަރުތައް ހަދާ ހިސާބަށް ދިޔައީއެވެ. ބޭންކުން ބުނަނީ ދުވާލަކު މިލިޔަނެއްހާ ޑޮލަރު ޚަރަދުކުރާ ކަމަށެވެ. ކުރުކޮށް މަގުމަތީ ބަހުންނަމަ، "ހޭކަނޑާލީ"އެވެ.

ހަގީގަތަށް ޖެހިލަމާ ހިނގާށެވެ. ޓީމޫއިން އޯޑަރު ކުރުމުން ވާ ގޮތަކީ، ދިވެހިރާއްޖޭގައި ހުރި ޑޮލަރު ޗައިނާގެ ކުންފުންޏަކަށް ދިނުމުން، އެ ކުންފުނިން ފޮނުވާލާ އެތި އަތަށް ލިބުމެވެ. އިތުރު ޓެކުހެއް، ޖީއެސްޓީއެއް އެއްވެސް ކަމެއް ނުހިނގައެވެ. މިއީ އަޅުގަނޑުގެ ފުރަތަމަ ޕޮއިންޓެވެ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން، ޓެކުހާއި، ޕެންޝަނާއި، ތަނުގެ ކުއްޔާއި، މުސާރައާއި އަދިވެސް އެހެނިހެން ފީތައް ދައްކައިގެން ހިންގާ ކުންފުންޏަށް، ޓީމޫއިން ވިއްކާ އަގުގައި ނުވިއްކޭނެއެވެ. އަގު ބޮޑުވާނެއެވެ. އަގުހެޔޮކޮށް ގަނެވުނީމާ، ގަންނަމީހާއަށް ފައިދާއެވެ. ނަމަވެސް ވިޔަފާރީގައި ޓީމޫއަށް "އަންފެއަރ އެޑްވާންޓޭޖް"އެވެ. ރައްޔިތުމީހާ ކޮމެންޓުކުރަނީ، ހެވެއްނޫންހެއްޔެވެ؟ އަގުހެޔޮކޮށް ރައްޔިތުމީހާއަށް އެތި އެބަ ލިބެއެއްނޫންހެއްޔެވެ؟

ދެވަނަ ކަމަކީ، ގައުމަށް ފައިދާހުރި ގޮތަކީ، ދައުލަތަށް ގިނައިން ޓެކްސް ލިބުމެވެ. ރައްޔިތުންނަށް ހިލޭދޭ ބޭސްފަރުވާއާއި، ފޮތްލިސްޓާއި މިޒާތުގެ ކަންކަމާއި، ދައުލަތް ހިންގުމުގެ ހަރަދާއި، ތަރައްގީގެ ކަންކަމަށް ފަންޑުކުރަނީ ޓެކްސް ފައިސާއިންނެވެ. ތެމޫއިން ގަންނައެއްޗަކަށް އެއްވެސް ޓެކުހެއް ދައްކާކަށް ނުޖެހެއެވެ. އެކަމަކު ރައްޔިތު މީހާ މި ބުނަނީ، ޓެކްސް ދައުލަތަށް ނުލިބުނަސްހެވެވެ. އަހަރެންނަށް އަގުހެޔޮކޮށް އެތިއެބަ ލިބޭނޫންހެއްޔެވެ؟ ހަމައެއާއި އެކު، މިހިސާބުން ރައްޔިތުމީހާގެ ފުރަތަމަ ވާހަކައަކަށް އޮންނާނީ ޓެކްސް ލާރިން ސަރުކާރުން ކުރާ ކަމަކީ ސިޔާސީ މީހުންނަށް މުސާރަދިނުމާއި، ވައްކަން ކުރުން ނޫންހެއްޔެވެ؟

ދެން، އިއުލާނުގައި ބޭންކުން ބުނެފައިވަނީ ރާއްޖެއިން ބޭރުން ފައިސާ ނެގޭނީ 150ޑޮލަރާ ހަމައަށް ކަމަށެވެ. މިއީ ކިހިނެއްވާ ކަމެއްތޯ ބަލައިލިއިރު، ވާގޮތަކީ، ރާއްޖެއިން ބޭރަށްދާއިރު ރައްޓެހިންނާއި އައުލާދު އެންމެންގެ ކާޑުތައް ހިފައިގެންގޮސް ބޭރުގެ އޭޓީއެމަކުން ފައިސާ ނަގައި، އެ ފައިސާ ޑޮލަރަށް ބަދަލުކޮށްގެން ރާއްޖެ ގެނެސް ކަޅުބާޒާރުގައި އަގުބޮޑުކޮށް ވިއްކަނީއެވެ. މިކަމުން ވަރަށް ފައިދާވާކަމަށް މައުލޫމާތުހުރި ހުރިހާ ފަރާތްތަކުން މައުލޫމާތުދެއެވެ. މިހެން ހެދުމުން ވާގޮތަކީ ފައިސާ ކޮމޯޑިޓީއަކަށް ހަދައިގެން ބަޔަކު ވިޔަފާރިއަކަށް ބަދަލުކޮށްލަނީއެވެ.

ދިވެހިރާއްޖެއަށް ވާވަރަށް ނުލިބޭ ޑޮލަރު ނަހަމަ ގޮތުގައި ވިޔަފާރި ޓޫލަކަށް ހަދައިގެން ފައިދާ ނަގަނީއެވެ. މި ހާލަތަށް ގޮސްފައިވާ މި ރާއްޖޭގައި، ބޭންކުން މި ކުރި ކަމަކީ ބަރާބަރު ކަމެކެވެ. މަދު ބަޔަކު ވިޔަފާރިކުރުމަށްވުރެ، ބޭނުންޖެހިފައިވާ މީހުންނަށް (މިސާލަކަށް ބޭރުން ފަރުވާހޯދާ ބަލިމީހުންނަށް، ތަކެތި އިމްޕޯޓުކުރާ ވިޔަފާރިވެރިންނަށް) ލިބޭނެގޮތަށް މިކަން އިންތިޒާމުކުރުމަކީ ބޭންކާއި، ސަރުކާރުގެ ޒިންމާއެކެވެ.

ދާދި މިދާކަށް ދުވަހު ނޫސްތަކާއި، މީސްމީޑިޔާއިން ފެނުނު އަނެއް ހަބަރަކީ، ޓީއެމްއޭގެ މުއައްޒަފުންނަށް ރުފިޔާއިން މުސާރަދޭން އުޅޭތީ، މަސައްކަތް ހުއްޓާލާ ހަޅުތާލަށް ނުކުންނަން އުޅޭވާހަކައެވެ. އަޖައިބެކެވެ. ދިވެހިރާއްޖެ ނޫނީ އެހެން ގައުމުތައް ބަލާށެވެ. މުސާރަ ދޭނީ އެ ގައުމެއްގެ ފައިސާއިންނެވެ. ގައުމުގެ އެތެރޭގެ ވިޔަފާރި މުއާމަލާތްތަކުގައި ބޭނުންކުރެވޭނީ، ކުރާނީ، އެގައުމެއްގެ ފައިސާއެވެ. ނަމަވެސް ބަޔަކު މި ވަކާލާތު ކުރަނީ ޑޮލަރުން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކުން ވެސް (ރިސޯޓުވިޔަސް، ޓީއެމްއޭ ވިޔަސް) މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ. ނޫނެކެވެ. ނުޖެހޭނެއެވެ. ކަޅުބާޒާރުގައި އަގުބޮޑުކޮށް ވިއްކަން އެކަކަށް ވެސް ޑޮލަރު ދޭކަށް ނުޖެހޭނެއެވެ. އެއީ ދިވެހިރާއްޖޭގައި ބޭނުންކުރާ ރަސްމީ ފައިސާއަކީ ދިވެހި ރުފިޔާ ކަމަށާއި، ދިވެހިރާއްޖޭގެ ހުރިހާ ފައިސާގެ މުއާމަލާތްތަކެއްގައި ބޭނުންކުރަން ޖެހޭނީ ދިވެހިރުފިޔާ ކަމަށް ގާނޫނުތަކުގައި ލިޔެގެން އުޅޭތާ އެތައްއަހަރެއްވީތީއެވެ.

ގިނަ ދިވެހިންގެ "މާލީ ތައުލީމު"ގެ ކަންފުޅެއްވެސް ނެތްކަމާއި، ހޯދުނު ކޮންމެގޮތަކަށް ލާރިހޯދާނެކަން އަންގައިދޭ އެންމެ ބޮޑު ހެތްކަކީ ދާދިމިދާކަށް ދުވަހު ހިނގި ޖެމްކިއު ސްކޭމެވެ. މިއަދު މި މައްސަލައިގައި ހުރިހާ ތަނެއްގައި ހަޅޭއްލަވާއިރު، ހަމަ އެ ޖެމްކިއު ކުޅުނު ފޯނުން ގޫގުލް ހޯދާ ބަލާލިޔަސް ނިކަން ގިނަ އެއްޗެހި އެނގޭނެކަން ޔަގީނެވެ. ނަމަވެސް އެވަރުވެސް ނުކުރާނެކަން އެނގޭތީ ލިޔަމެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން އެ ގައުމެއްގެ ފައިސާ ނޫން، ބޭރު ފައިސާއެއް އާންމު ވިޔަފާރީގައި ބޭނުންކުރުމަކީ އަބުއިކަމެކެވެ. މަނާވެސް ކަމެކެވެ. ހޯދިގޮތެއް ނުބުނެފިއްޔާ އަދަބުލިބޭ ކަމެކެވެ. އިންޑިޔާ، ލަންކާ، މެލޭޝިޔާ، ބެންކޮކް، ދުބާއީ ފަދަ އާންމުކޮށް ދިވެހިން ގޮސްއުޅޭ ތަންތަނުން މި މިސާލު ފެންނާނެއެވެ. އާދައިގެ ފިހާރައަކަށް، ނުވަތަ މޯލަކަށް ގޮސް ގަންނަ އެތީގެ އަގުދައްކަން ޑޮލަރު ދިއްކޮށްލައިފިނަމަ ނުހިފާނެއެވެ. ބުނާނީ އެ ގައުމެއްގެ ލާރި ހިފައިގެން އައުމަށެވެ. ދެން ދާން ޖެހޭނީ އެކްސްޗޭންޖްއަކަށެވެ. ޑޮލަރު ދިނިމައި އެގައުމެއްގެ ލާރި ދޭނެއެވެ. އެކްސްޗޭންޖްތަކުން އެއްކުރާ ޑޮލަރުތައް ހިފައިގެން ދާނީ އެ ގައުމެއްގެ ސެންޓްރަލް ބޭންކަށެވެ. ގޮސް ޑޮލަރު ދީފައި ގަންނާނީ އެ ގައުމެއްގެ ރުފިޔާއެވެ. ސެންޓްރަލް ބޭންކުން، ސަރުކާރަށާއި، ދައުލަތުގެ ކަންކަމަށް އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ބޭންކުތަކަށް އަދި އޯޕަން މާކެޓުގައި ވެސް ޑޮލަރު ވިއްކާނެއެވެ. ދުނިޔެ ހިނގާގޮތަކީ މިއެވެ.

ނަމަވެސް ރާއްޖެހިނގާގޮތަކީ ތޯއެވެ؟ ކަންމަތީ ފިހާރައަށް ސުޕާރީގަންނަން ޑޮލަރުދިއްކޮއްލިއަސް އުފަލުން ހިފާނެއެވެ. ދިވެހި ރުފިޔާއަށްވުރެ އިސްކަންދޭނީ ޑޮލަރަށެވެ. މައްސަލަ ފެށޭ އަދި ނިމޭ ހިސާބަކީ މިއީއެވެ. ރިސޯޓުތަކަށް ހަގީގަތުގައި ގެސްޓުން ދައްކަންޖެހޭނީ ވެސް ދިވެހި ރުފިޔާއެވެ. ގެސްޓުހައުސްތަކަށް ވެސް ދިވެހި ރުފިޔާއެވެ. ހުރިހާތާކަށް ރުފިޔާއެވެ. އެއިރުން ގައިމުވެސް ކޮންމެވެސްތާކުން ދިވެހި ރުފިޔާ ގަންނަން ޖެހޭނެއެވެ. ޑޮލަރު ވަނީއެވެ. ލައްކަ ގިނަ ގައުމުތަކަށް ދެވުނު އިރުވެސް ޑޮލަރު އޭޓީއެމް ބަހައްޓާފައިވާ ގައުމަކަށްވެސް އަދި ފެނުނީ ރާއްޖެ އެކަންޏެވެ. އެއީ ކާކުގެ މޮޅު އިގްތިސާދީ ވިސްނުމެއްބާވައެވެ؟

ދެން އަނެއް ކޮމެންޓެއްގައި އޮތީ ރައީސް މުއިއްޒު ރިސޯތުތަކަށް މަޖުބޫރުކުރުވައިގެން ޑޮލަރު މާރުކުރުވައިގެން ވަކިމޮޅެއް ވެއްޖެތޯއެވެ؟ ޑޮލަރުގެ އަގު ހައްތާވީ ބޮޑު ކަމަށެވެ. އަނެއް ކޮމެންޓެއްގައި އޮތީ ސަރުކާރުން ޑޮލަރުކޮޅު ބޮޑު އަގުގައި މާރުކުރުވައިގެން އެވެސް ކާލަނީ ކަމަށެވެ. ކޮއިފުޅާއެވެ! ސަރުކާރުން ހަމައެކަނި ޑޮލަރު ފޯރުކޮށްދޭން ޖެހެނީ ބޭސްފަރުވާޔަށް ފުރާމީހުންނަށް އެކަންޏެއް ނޫނެވެ. އެއާޕޯޓު ކައުންޓަރުން އެކަންޏެއްވެސް ނޫނެވެ. އެއައްވުރެ މާސިންގާ ކަންކަން އެބަހުއްޓެވެ. އާދެ! ގައުމީ ދަރަނިތަކެވެ. ލަފާކުރެވޭ ގޮތުގައި، ސަރުކާރުގެ އަމާޒު އެހެރީ އިންތިހާބެއް ބޯމަތީގައި އަދި އޮތަސް، އިދިކޮޅު "ދުނިޔޭގެ ރައީސުން" އެނގިތިބެ ދެބޯގެރި ދުއްވިޔަސް، ހިތިބޭސް ބޮއެގެން ގައުމު ސަލާމަތްކުރުމަށެވެ.

މިއަންނަ އަހަރު އެކަނިވެސް 1.2 ބިލިއަނަށްވުރެ ގިނަ ދަރަނި އަނބުރާ ދައްކަން އޮތްއިރު، އެ ދައްކަން ޖެހެނީ ކުދިބޮލިންނެއް ނޫނެވެ. ޑޮލަރުންނެވެ. ޑޮލަރު ލިބޭވަރަކަށް ހަރަދުކޮށް، މާކެޓަށްނެރެ ވިއްކަން މިހިނދު ނެތީ އެހެންވެއެވެ. މިކަމަށް ތައްޔާރު ނުވެވިއްޖެނަމަ ގައުމު ފަރަށް އަރާނެއެވެ.

މިހުރިހާ ވާހަކައެއް އެއްކޮށް ގޮށްޖަހާލާއިރު، ދިވެހި ރާއްޖެ މިއޮތީ މިހާތަނަށް އައި ވެރިންނާއި، ސަރުކާރުތަކުން ހެދި ހުރިހާ ގޯހަކުން ސަލާމަތްނުވާ ހިސާބަށްގޮސް، ނޯށާ ހިސާބަށް ފެންއަރާފައެވެ. ދެން އޮތި ހިތިބޭސް ބުއިމެވެ. ހިތިބޭހުގެ ހިތިރަހަ އެންމެ ގަދައަށް ލާނީ ނިކަމެތިންގެ ކަރުތެރޭގައެވެ. ޑޮލަރުގެ ހައްލުހޯދަން ފުރަތަމަ އަތްބޭނީ އާންމު މީހާގެ ޖީބަކަށް ނޫނެވެ. ފެށީ ރިސޯޓުތަކުންނެވެ. ދެން މި އަންނަނީ އާންމުންނާ ހިސާބަށެވެ. ރުޅިއަޔަސް މިއީ ހަގީގަތެވެ. އަދިވެސް ވިއްޔާވާނީ ދައްޗެވެ.

އެކަމަކު މިހާލުގައިވެސް ވިޔަފާރިތަކަށް ޓީޓީ ހެދުމަށްދޭ ޑޮލަރުގެ އެހީ އެވަނީ 30%އާ ހަމައަށް ބޮޑުކޮށްފައެވެ. މިއިން ވާގޮތް އެނގޭހެއްޔެވެ؟ އާންމު ވިޔަފާރިތަކަށް ކުރާ އިމްޕޯޓަށް މިއެހީ ލިބުމުން، އާންމު ދިރިއުޅުމުގެ ތަކެތި އަގުބޮޑު ނުވެ ހިފެހެއްޓޭނެއެވެ. ޓީމޫއިން ވިޔަފާރި ކުރުމަށްވުރެ ގިނަބަޔަކަށް މިއިން ފައިދާ ކުރާނެ ނޫންހެއްޔެވެ؟

ރައްޔިތުންނަށް މިއަދު ވިސްނާނުލެވުނަސް، ޓީމޫއާ ހެދި އެތައް ވިޔަފާރިއެއް އިނދަޖެހިއްޖެއެވެ. ވަޒީފާތަކެއް ވެސް ގެއްލިއްޖެއެވެ. ޓެކްސް ރެވެނިއުތަކެއް ވެސް އުނިވެއްޖެއެވެ. ވަރަށްގިނަ އަދަދެއްގެ ޑޮލަރު ގައުމުން ބޭރުވެއްޖެއެވެ. ރުޅިއަޔަސް، މުސާރަ ޑޮލަރުން ދޭކަށް މިގައުމަކަށް މިއަދަކު ތަނަވަސްކަމެއް ނެތެވެ. ހިތްހަމަ ނުޖެހުނަސް، ދިވެހި ރުފިޔާ އަކީ އަހަރެމެންގެ ރަސްމީ ފައިސާގެ ގޮތުގައި ރާއްޖޭގެ ހުރިހާ މުއާމަލާތެއްގައި ހަމައެކަނި ބޭނުންކުރެވޭ ފައިސާއަށް ހަދާން އެބަޖެހެއެވެ. ހަމަ ގައުމަށްޓަކައެވެ. ވޯޓު ނުދިނަސް ޑޮލަރުގެ ކަޅުބާޒާރު ނައްތާލަން ކުރެވެން ހުރި ކަންކަމަކީ ލާޒިމު ކަމަކަށް މިއޮތީވެފައެވެ. ގައުމަށްޓަކައެވެ. ސުވާލަކީ އަދިވެސް މުހިންމީ ޓީމޫހެއްޔެވެ؟ ގައުމުހެއްޔެވެ؟