ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސަކައްތުގެ މަރުހަލާއަކީ މި މަޝްރޫއުގެ އެންމެ ގޮންޖެހުން ބޮޑު މަރުހަލާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 68 ތަނެއްގައި 263 ޕައިލް ބަހައްޓާފައިވާއިރު، އޭގެ ތެރޭގައި އޮންޝޯ އަދި އޮފްޝޯ ލޮކޭޝަންތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޕައިލިން މަސައްކަތް ނިމުމާއެކު، މުޅި މަޝްރޫއުގެ %60.84 މަސައްކަތް ނިމިފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ ބްރިޖުގެ މަސައްކަތް ނިންމުމެވެ.
މި މަޝްރޫއަކި މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ.
6.7 ކިލޯމީޓަރުގެ މި ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގަމުން އަންނަ މަޝްރޫއެކެވެ. ދުނިޔޭގެ އެންމެ އުސް ފްރީކާސްޓް ސެގްމެންޓް ގާއިމްކޮށްފައިވަނީ ވެސް މި ބްރިޖުގައިކަން ފާހަގަކޮށްލެވެއެވެ. މި ޕްރީކާސްޓްގެ އުސްމިނުގައި 8.2 މީޓަރު ހުންނަ އިރު، ފުޅާމިނުގައި ހުންނަނީ 25.3 މީޓަރެވެ. މިއީ 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުރި ޕްރީކާސްޓެކެވެ.
ހަތް ބިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއި ހަވާލުކޮށްގެންނެވެ.