ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ފައިސާ ޖަމާކުރި އިރު އޮޅިގެން އިތުރަށް ފައިސާ ޖަމާކޮށްފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް ހައި ކޯޓުގައި މައްސަލައެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. މި މައްސަލައިގައި ބީއެމްއެލް އިން ވަކާލާތު ކުރަމުން އަންނަނީ އެ ބޭންކުން އޮޅިގެން ޖަމާކުރި ފައިސާ މަހުން މަހަށް އަނބުރާ ދެއްކުމަށާއި ފައިސާ އަނބުރާ ދައްކާއިރު އިންޓަރެސްޓާއެކު އެ ފައިސާ ދެއްކުމަށެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީއެއް ވަނީ ނުބައި އަދަދަކުން މަސްވެރިންނަށް ފައިސާ ދެއްކީ ބޭންކުން އަމިއްލައަށް ކަމަށް ވިދާޅުވެ، ލޯނެއްގެ ގޮތުގައި ޝަރުތުތަކަކާއެކު އެ ފައިސާ އަނބުރާ ދައްކަން ޖެހޭ ގޮތަށް މަސްވެރިންގެ ބޮލުގައި އެކަން އަޅުވާފައިވަނީ ބޭންކުން އަމިއްލައަށް ވެފައިވާ އިހުމާލެއްގެ ސަބަބުންކަން ނުބުނެވެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
އެކަމުގައި ހިމަނަންވީ ކޮން އިންޓަރެސްޓެއް އަދި ޖޫރިމަނާއެއްތޯ ކަމާމެދުވެސް ގާޒީ ސުވާލު އުފައްދަވާފައިވެއެވެ.
"އެބައެއްގެ ގޯތި ތެރެއަށް، އިންފާރު ތެރެއަށް ކުކުޅާއި އެއްޗެހި ވަންނަ ކަމުގައި ވަންޏާ އެބަޔަކު އެ އެއްޗެހި ހިފަހައްޓާނެ ނުންތޯ، ގެރި ބަކަރި ވަންނަ ކަމަށް ވަންޏާ، އޭގެ ވެރިފަރާތުން އެ އެއްޗެއް ބަލާ އަންނަން ދެން އެ އެއްޗެހި ބަހައްޓާނެ ނުންތޯ؟ އެހެންވީމާ ވެރިފަރާތުން އައިސް ގެންދަންވީ އެ އަދަދު ނުންތޯ؟ އެގޭގެ މިލްކުގައި ހުރި ރަނާ ރިއްސަށް ދަންދެން ހިފައިގެން ނުދެވޭނެ ނުންތޯ؟" ގާޒީ ވިދާޅުވިއެވެ.
ގާޒީ ވަނީ އުސޫލުތަކާ އެއްގޮތަށް، އޮޅިގެން ޖަމާކުރި ފައިސާ އެކަނި ނަގަންޖެހޭ ހިނދެއްގައި އިންޓަރެސްޓާ ޖޫރިމަނާއާއި އެހެން ޗާޖުތައް ލައިގެން ބޮޑު އެގްރީމެންޓެއް ހަދާފައި ޖަހާފައި މިއޮތީ ކޮން "ސަކަރާތެއް"ތޯ ކަމާމެދުވެސް ސުވާލު އުފައްދަވާފައެވެ.
ގާޒީ ވަނީ ދަށު ކޯޓުން މި މައްސަލައިގައި މައްސަލަ ކުރިއަށްގެންގޮސްފައިވާ ގޮތުގެ ރިޕޯޓު ބީއެމްއެލް އިން އަލުން ބެއްލެވުމަށް ވިދާޅުވެފައެވެ. އެގޮތުން މީހުންނަށް މަނީ ލޯންޑަރިންގެ ތުހުމަތުތައް ކުރުމާއި، އެފަދަ ދައުވާތައް އުފުލާނެ ކަމުގެ ބިރު ބީއެމްއެލް އިން ދައްކާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މި މައްސަލަ ދިމާވެފައި މިވަނީ ބީއެމްއެލް އިން އަމިއްލައަށް ހެދި ގޯހަކުން ކަމަށާއި، މިކަން ހައްލުކުރުމަކީ މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކުރި ފައިސާ އަނބުރާ ހޯދުން ކަމަށެވެ.
"ދެން ކޮން އިންޓަރެސްޓަކާ އޭއްޗަކާ މީއްޗަކާ ޖަމާކޮށްގެން ލޯނެއްގެ ގޮތުގައި މީހުންގެ ބޮލު އަޅުވާ، ކޯޓުތަކަށް ދަމާ، ކޮން ކަމެއްތޯ މިކުރަނި.." ގާޒީ ވިދާޅުވިއެވެ.