ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދާއި ސަލީމް އައްޔަންކޮށްފި

މަރިޔަމް ސަމްހާ
 
27 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ނ. ހެނބަދޫ، ނޫރާނީމާގެ އަލްއުސްތާޛު އަބްދުﷲ ޙަމީދު އަދި ފ. ބިލެތްދޫ، މޯނިންގްވިލާ އަލްއުސްތާޛު މުހައްމަދު ސަލީމްއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދުއެވެ. އަދި، މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ މި ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.

އެދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުއެވެ.

މިއަދު އޮތް މަޖިލިސް ޖަލްސާގައި ފަނޑިޔާރު ކަމަށް އަބްދުﷲ ހަމީދު އައްޔަންކުރެއްވުމަށް ފެންނަ ކަމަށް 60 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ފަނޑިޔާރު ކަމަށް ސަލީނަ އައްޔަންކުރެއްވުމަށް ފެންނަ ކަމަށް 61 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގައެވެ.

މީގެ އިތުރުން ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގެ ފަނޑިޔާރުކަން 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ހަމީދު ކުރައްވާފައިވެއެވެ.