ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމުގެ ތެރޭގައި ތިލަމާލެ ބްރިޖު ނޭޅޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވަމުން ދިޔައީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ތިލަމާލެ ބްރިޖު ފެންމަތިވާނެ ހެން ހީފުޅު ނުވާކަމަށާއި، ދެވަނަ ފަސް އަހަރެއްގެ ތެރޭގައި ވާނެ ކަމަށެވެ. ނަމަވެސް މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރުވެސް އެ ބްރިޖެއް ނޭޅޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ އެ މަޝްރޫއު ހިންގުމުގައި މި ސަރުކާރުން "ސްކޭމް" ޖައްސާކަން ތުހުމަތު ކުރައްވާ، މި ފަސް އަހަރު ނިމިގެންދާއިރު ބްރިޖު މަޝްރޫއަށް ހަރަދުވާނެ އަގު ބޮޑުތަނުން އުފުލިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ މިއީ ޓެކްނިކަލް ގޮތުން ނާގާބިލް މީހުންނާ މަސައްކަތް ހަވާލުކުރުމުގެ ނަތީޖާ ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއަށްވެސް ވީ ހަމަ އެފަދަ ގޮތެއް ކަމަށާއި އެއީކީ ބޮޑު ޖަރީމާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅީފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. އެއާއެކު މުޅި މަޝްރޫއު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.