އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބުނު ފައިސާ %8.3 އިތުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން އެ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 17.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އާމްދަނީ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ދައިސާގެ އަދަދުވެސް ވަނީ %45.5 އިތުރުވެފައެވެ.
މިއީ ދައުލަތުން ތަންފީޒުކުރަމުންދާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާއެކެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް %21 ދަށަށް ގޮސްފައިވާއިރު ބަޖެޓުގެ އޮވައޯލް ބެލެންސް ވަނީ 1.4 ބިލިއަން ރުފިޔާގެ ސާޕްލަސް އަކަށް އަރާފައެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދުވެސް %3.4 އިން ވަނީ ދަށްވެފައެވެ. އަދި ކެޕިޓަލް ހަރަދު ވަނީ %70.1 އިން ދަށްވެފައެވެ.
ރިކަރަންޓް ހަރަދުގެ %58.7 ހޭދަކޮށްފައިވަނި ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %8.6 ދަށް އަދަދެކެވެ.
މީގެ އިތުރުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 70ވެސް %70 އިން ދަށްވެފައިވާއިރު، މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދު ވަނީ %20.7 އިން ދަށެވެފައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ދަތުރުފަތުރައް ކުރާ ހޭދަ ކުޑަކުރުމަކީވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ދަތުރުފަތުރު ކުރުމަށް ކުރެވޭ ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %15.3 އިން ދަށްވެފައެވެ. އަދި ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %3.6 އިން ދަށްވެފައެވެ.