އަބްދުﷲ ހަމީދު އަދި މުހައްމަދު ސަލީމް.

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމު އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފި

މަރިޔަމް ސަމްހާ
 
27 ދުވަސް ކުރިން

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ނަންތައް ދިރާސާކުރުމަށްފަހު ޖުޑީޝަރީ ކޮމިޓީން ދެ ބޭފުޅުންނަށްވެސް ރުހުން ދޭން ފާސްކުރުމާއި ގުޅިގެންނެވެ.

މިއަދު އޮތް މަޖިލިސް ޖަލްސާގައި ފަނޑިޔާރު ކަމަށް އަބްދުﷲ ހަމީދު އައްޔަންކުރެއްވުމަށް ފެންނަ ކަމަށް 60 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ފަނޑިޔާރު ކަމަށް ސަލީނަ އައްޔަންކުރެއްވުމަށް ފެންނަ ކަމަށް 61 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. 

އެއާއެކު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ފުރުސަތުގައި 12 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.

ޖޭއެސްސީން އެ ހުރިހާ ބޭފުޅުންނާވެސް އިންޓަވިއުކޮށްފައިވާއިރު އެންމެ މަތީ މާކްސް ލިބިފައިވަނީ ހަމީދަށާއި ސަލީމަށެވެ. 

ޖޭއެސްސީން ރައީސަށް ލަފާ އަރުވާފައިވަނީ މާކްސް ލިބިފައިވާ ތަރުތީބުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށެވެ.

ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގައެވެ.

މީގެ އިތުރުން ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގެ ފަނޑިޔާރުކަން 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ހަމީދު ކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސް އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.