ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި އެ ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
މަޖިލިހަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވަނީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ މަގާމަށް އައްޔަންކުރުމާ ގުޅޭގޮތުން ފެންނަ ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެއާއެކު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ފުރުސަތުގައި 12 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.
ޖޭއެސްސީން އެ ހުރިހާ ބޭފުޅުންނާވެސް އިންޓަވިއުކޮށްފައިވާއިރު އެންމެ މަތީ މާކްސް ލިބިފައިވަނީ ހަމީދަށާއި ސަލީމަށެވެ.
ޖޭއެސްސީން ރައީސަށް ލަފާ އަރުވާފައިވަނީ މާކްސް ލިބިފައިވާ ތަރުތީބުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށެވެ.
ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގައެވެ.
މީގެ އިތުރުން ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގެ ފަނޑިޔާރުކަން 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ހަމީދު ކުރައްވާފައިވެއެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސް އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.