ޖޭއެސްސީން އިންޓަވިއުކޮށް އެންމެ މަތީ މާކްސް ލިބިފައިވަނީ ހަމީދަށާއި ސަލީމަށް.

ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުންދީފި

މަރިޔަމް ސަމްހާ
 
1 މަސް ކުރިން

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ރުހުން ދިނީ މަޖިލީހުން ގޮތެއް ނިންމައިދޭން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ ފޮނުއްވުމާ ގުޅިގެންނެވެ. އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ މައްސަލަ ދިރާސާކުރަން ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ނަން ފާސްކުރަން ފެންނަ ކަމަށް ހުށަހެޅުއްވީ ހޮޅުދޫ ދާާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. އޭނާ ވިދާޅުވީ އެގޮތަށް ހުށަހެޅުއްވީ ސަލީމާއި ހަމީދަކީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގާބިލް އަދި ޝަރުތު ހަމަވާ ދެ ބޭފުޅުން ކަމަށްވާތީ ކަމަށެވެ.

އެ ދެބޭފުޅުންނާމެދު ވެސް ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ އެކަން ފާސްކޮށްފައެވެ. އެހެންކަމުން ކޮމިޓީން ވަނީ ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ފެންނަ ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. 

އެއާއެކު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ފުރުސަތުގައި 12 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.

ޖޭއެސްސީން އެ ހުރިހާ ބޭފުޅުންނާވެސް އިންޓަވިއުކޮށްފައިވާއިރު އެންމެ މަތީ މާކްސް ލިބިފައިވަނީ ހަމީދަށާއި ސަލީމަށެވެ. 

ޖޭއެސްސީން ރައީސަށް ލަފާ އަރުވާފައިވަނީ މާކްސް ލިބިފައިވާ ތަރުތީބުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށެވެ.

ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގައެވެ.

މީގެ އިތުރުން ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގެ ފަނޑިޔާރުކަން 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ހަމީދު ކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސް އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.