މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްވެރިޔާއަކަށް ހޮވޭ މީހާއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭގޮތް ހަދަން ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެ ޕާޓީ ހަރުދަނާކުރުމަށާއި މެންބަރުންގެ މަސައްކަތްތައް ޒިންމާދާރުކުރުވުމަށް ޕާޓީއަށް ބަދަލުތަކެއް ގެންނައުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީގެ އިސްވެރިޔާއަކަށް ހޮވޭ މީހާއަށް އެ ދައުރެއްގައި އޮންނަ ރިޔާސީ އިންތިހާބަކަށް ކުރިމަތި ނުލެވޭގޮތަށް ޕާޓީގެ ގަވާއިދު ބަދަލުކުރުމަށް ހުށަހަޅުއްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އޭގެ ބޭނުމަކީ ޕާޓީގެ އިސްވެރިޔާގެ މަސައްކަތަކީ ޕާޓީގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހާއްސަ ކުރުން ކަމަށެވެ. އަދި ޕާޓީ ކުރިއެރުވުމުގައި އެ މެންބަރަކު ކުރާ މަސައްކަތްތައް ކާމިޔާބު ނަމަ، ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރުމުގެ ޖާގަ އެ މެންބަރަކަށް ލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެއާއެކު ޕާޓީގެ އިސްވެރިޔާގެ މަގާމު ވެގެންދާނީ، ރާއްޖޭގެ އެންމެ މަތީ ހަރުފަތަކަށް އެރުމަށްޓަކައި އެ މެންބަރެއްގެ ގާބިލުކަން ހުރި މިންވަރު ދައްކުވައިދެވޭނެ ޕްލެޓްފޯމަކަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ލީޑަރަކަށް އަންނަ މެންބަރަކަށް އެ ޕާޓީގެ ވެރިކަމެއްގައި އެއްވެސް އިތުރު ވަޒީފާއަކަށް ވަޑައިނުގަނެވޭނެ ގޮތަށް ހެދުމަށް ހުށަހަޅާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ކެބިނެޓާއި، މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި އެސްއޯއީތަކަށްވެސް ވަޒީފާއަށް ވަޑައިނުގަނެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ޕާޓީގެ އިސްވެރިޔާއަކަށް ހުންނަވާ، އިތުރު ވަޒީފާއަކަށް ވަޑައިގަންނަވާނަމަ ޕާޓީގެ މަސައްކަތްތަކަށް ހީނަރުކަމެއް އަންނަ ކަމަށާއި އެކަންތައް މީގެ ކުރިންވެސް ތަޖުރިބާކުރައްވާފައިވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މިފަދަ ކަންކަމާމެދު މެންބަރުންގެ މެދުގައި ދެބަސްވުންތަކެއް ކުރިމަތިވި ނަމަވެސް މި ބަދަލުތަކަކީ ކޮންމެހެން ވެސް ގެންނަން ޖެހޭ ކަމަށެވެ. އޭރުން ޕާޓީއާއި ސަރުކާރު ކުރިއަށްގެންދިއުމުގައި އެމްޑީޕީއަށް ފަސޭހަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.