ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނާކާމިޔާބު ވެއްޖަނަމަ ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދިނުމާމެދު ވިސްނަވާނެ ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބު ވެސް އެމްޑީޕީއަށް ނާކާމިޔާބު ވުމުން ޕާޓީގެ ލީޑަޝިޕު އިސްތިއުފާ ދެއްވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން އައި ކަމަށެވެ. ނަމަވެސް އެ ދެ އިންތިހާބު ވެސް އެމްޑީޕީއަށް ނާކާމިޔާބުވީ ހަމައެކަނި ފައްޔާޒްގެ ސަބަބުން ނޫން ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނާކާމިޔާބު ވެއްޖެ ނަމަ އިސްތިއުފާ ދިނުމާމެދު ވިސްނަވާނެ ކަމަށެވެ.
"ވަރަށް ރަނގަޅު ވާހަކައެއް، އަޅުގަނޑުގެ ޗެއާޕާސަން ކަމުގައި މިވަރުގެ ބޮޑު ލޮޅުމެއް މިއެރީ. ބައެއް ބޭފުޅުން ވިދާޅުވޭ އަޅުގަނޑު މިކަމުގެ ޒިންމާ ނަގަން ޖެހޭނެއޭ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެ ދެ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ޕާޓީ ބައިބައި ވުމުން ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ މިހާރު ގުޅިވަޑައިގެންފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވުމުގެ އުއްމީދު އާވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކުރީގެ މެންބަރުން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ ކުއްލިއަކަށް ނޫން ކަމަށާއި، އެ މަޝްވަރާތައް ކުރަން ފަށާފައިވަނީ މީގެ އަށް ވަރަކަށް މަސް ކުރިން ކަމަށެވެ.
އެންމެން އެކުވާންވީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވި ހިސާބުން ފެށިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއާއެކު އެއް ފިކުރެއްގައި މަސައްކަތް ކުރަން ތިބި ސިޔާސީ ޕާޓީތަކާއެކު ސިޔާސީ މަސައްކަތްތައް ކުރުމަށް އެ ޕާޓީން އޭރު ގަރާރެއްވެސް ފާސްކުރިކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ޑިމޮކްރަޓްސް އާއެކު އެ މަޝްވަރާތައް ފެށުނު ކަމަށެވެ.
ދެ ޕާޓީގެ މެންބަރުން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަން ޑިމޮކްރެޓްސްއިން ވެސް ނިންމީ މި ސަރުކާރުގެ މިސްރާބު ގޯސް މަގަކަށް ދާތީކަމަށް ފައްޔާޒް ވިދާޅުވިއެވެ.