ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، އެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާގެ މަތިން ހިންގި ޖަރީމާއެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފިޔަވަޅަކީ މުޅި ލާމަރުކަޒީ ނިޒާމަށާއި އެންމެހައި ކައުންސިލުތަކާއި ރަށްރަށް ހިންގަންތިބި ރައްޔިތުންގެ މަންދޫބުންނަށް ދިން ވަރަށް ވެސް ފިނޑި ހަމަލާއެއް ކަމަށެވެ.
މި ފިޔަވަޅު އެޅުމުގެ ކުރިން، ސަރުކާރުން ވަނީ ތަކުރާރުކޮށް ލާމަރުކަޒީ ނިޒާމަށް ފާޑުކިޔައި، ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު މަދު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މިކަމާ ގުޅިގެން ޝާހިދު ވިދާޅުވެފައިވަނީ މިއީ ކުރިއަށް އޮތް ކައުންސިލު އިންތިޚާބުގައި ސަރުކާރުން ނުފޫޒު ފޯރުވާނެކަމުގެ ނިޝާނެއް ކަމަށެވެ.
އެމްޑީޕީގެ ރައީސް ވަނީ މި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށާއި ލާމަރުކަޒީ ނިޒާމަށް ޖާގަ ދިނުމަށް ގޮވާލައްވާފައެވެ. އަދި "ދިވެހި ރައްޔިތުން މިފަދަ ކަންކަން ބަލައެއް ނުގަންނާނެ" ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެލްޖީއޭ އިން ބަލަމުން އަންނަނީ، ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ތިނަދޫ ސިޓީ ކައުންސިލުން ޖަވާބުނުދީ ފޮނުވާލާ މައްސަލަ އާއި ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށައެޅުމުން 5,000 ރުފިޔާގެ ފީއެއް ނަގާ މައްސަލަ އާއި ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގެ ކައުންސިލުން ފީއެއް ނެގުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެލްޖީއޭ ބޯޑުން އެންގުމުން އަމަލުނު ކުރި މައްސަލައެވެ.