ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ 26ވަނަ ދުވަހު މިނިވަން ދުވަހާ ދިމާކޮށް ހުޅުވަން މާ އަވަސްކަމަށާއި، އަވަހަށް ހުޅުވި ނަމަވެސް ލިބޭނެ އިގްތިޞާދީ އެއްވެސް ފައިދާއެއް ނެތް ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން ވިޔަސް، ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އަދި މާ އަވަސްކަމަށާއި އެ ތަން އަދި ރަނގަޅަށް ތަރައްގީނުވާ ކަމަށެވެ.
މީގެ އިތުރުން މިހާރު އާ ޓާމިނަލް ހުޅުވަނު ނަމަވެސް، އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ލިބޭނެ މާލީ އެއްވެސް ލުޔެއް ވެސް ނުވަތަ އާމްދަނީ އިތުރުވާނެ ގޮތެއް ވެސް ނޯންނާނެކަމަށް އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުގެ ޕްލޭންގައި، އޮތީ އެއާޕޯޓުގެ އާ ޓާމިނަލް ނިމުމުން ތިން މަހާއި، ހަ މަހާ ދެމެދުގެ މުއްދަތެއް، ތަން ހިންގަން ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަމަށް ޚާއްސަކުރަން އޮންނާނެ ކަމަށެވެ.
އަމީރު ވިދާޅުވީ ސަރުކާރުގެ އެހެން ސިޔާސަތުތައް ވެސް މިފަދައިން ހުންނަ ނަމަ، އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގައި މާ ބޮޑު ކާމިޔާބެއް ލިބޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.