އިޒްރޭލާއި އެމެރިކާގެ ބާރުވެރިކަމަށް ލިބުނު ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ބެލެވޭ، 12 ދުވަހުގެ ހަނގުރާމައިން އީރާނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ގައުމުގެ ވެރިރަށް ޓެހުރާނުގައި ހާހުން ގިނަ ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެފައެވެ.
އީރާނުގެ ސުޕްރީމް ލީޑަރ އަޔަތުއްލާ ޚަމެނީ މި ކާމިޔާބީ ސިފަކުރައްވާފައިވަނީ "އިސްލާމީ ދުނިޔެއަށް ލިބުނު އުފާވެރި ކާމިޔާބީއެއް" ގެ ގޮތުގައެވެ. އަދި އެ ގައުމުގެ ރައީސް މައްސޫދް ވިދާޅުވެފައިވަނީ މިއީ އިޒްރޭލާއި އެމެރިކާގެ ބާރުވެރިކަމަށް ލިބުނު ވަރުގަދަ ހަމަލާއެއް ކަމަށެވެ.
އިޒްރޭލުން މި ހަނގުރާމަ ފެށުމުގެ މައިގަނޑު މަގްސަދަކީ އީރާނުގެ ނިއުކްލިއަރ ބާރަކަށް ވުމަށް އޮތް މަގު ބަންދުކޮށް، ޔުރޭނިއަމް ފައްކާކުރާ މަރުކަޒުތައް ނައްތާލުން ކަމަށްވީ ނަމަވެސް، މީޑިއާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އިޒްރޭލުގެ ޒަމާނީ ބަންކަރ ބްލާސްޓަރ މިސައިލްތަކަށްވެސް އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް މާބޮޑު ގެއްލުމެއް ދެވިފައެއް ނުވެއެވެ.
އީރާނުގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި "އީރާނުގެ މިސައިލް ޕްރޮގްރާމްގެ ކުރިއެރުމާއި ޓެކްނޮލޮޖީގެ ފެންވަރު މުޅި ދުނިޔެއަށް ސާބިތުވެއްޖެ" ކަމަށާއި، އިތުރު އެއްވެސް ފަރާތަކުން އީރާނަށް ގޮންޖަހައިފިނަމަ، މިއަށްވުރެ ވަރުގަދަ ޖަވާބެއް ދެވޭނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުތަކާއި، އަސްކަރީ މަތިންދާބޯޓުތަކާއި، އަސްކަރީ މަނަވަރުތަކާއި އަދި އެތައް ސަތޭކަ މިލިޓަރީ ބޭސްތަކެއް އިޒްރޭލުގެ ހިމާޔަތުގައި އޮތް ނަމަވެސް، އީރާނު މަތަކޮށްނުލެވުމަކީ އެމެރިކާ އާއި އިޒްރޭލު ބޮޑުތަނުން ބަލިވި ކަމުގެ ހެއްކެއް ކަމުގައި ސިޔާސީ މާހިރުން ފާހަގަކުރެއެވެ.