އީރާނަށް ހަމަލާދީފިނަމަ "ފުރިހަމަ ހަނގުރާމައެއް" ފަށާނެކަމުގެ އިންޒާރު އިރާގުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ކަތާއިބު ހިޒްބުالله އިން ދީފިއެވެ. މިއީ ސަރަހައްދަށް އެމެރިކާގެ އަސްކަރީ ބާރުތައް ޖަމާކުރަމުންދާ ދަނޑިވަޅެއްގައި، ހަނގުރާމައެއް ފެށިއްޖެނަމަ ތެހެރާނަށް އަސްކަރީ ގޮތުން އެހީތެރިވާނެކަމުގެ އިޝާރާތެކެވެ.
އީރާނުގެ މަދަދުލިބޭ މި ޖަމާއަތުގެ ވެރިޔާ އަބޫ ހުސައިން އަލް-ހާމިދާވީ އާދީއްތަ ދުވަހުގެ ރޭ ނެރުއްވި ހޫނު ބަޔާނެއްގައި، ހަނގުރާމައަށް ތައްޔާރުވުމަށް ހަނގުރާމަވެރިންނަށް ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ "އަނދިރި ބާރުތައް" ޖަމާވަމުންދަނީ އީރާން އަޅުވެތިކޮށް ސުންނާފަތިކުރުމަށް ކަމަށާއި، އީރާނަކީ މުސްލިމުންގެ "ފަޚުރާއި ކިއްލާ" ކަމަށް ސިފަކުރައްވާފައެވެ.
މީގެ އިތުރުން އެ ޖަމާއަތުން ބުނީ "އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ފަސޭހަ ކަމަކަށް ނުވާނެކަން ދުޝްމަނުންނަށް އަހަރެމެން ކަށަވަރުކޮށްދެން،" އަލް-ހާމިދާވީ ވިދާޅުވިއެވެ. އޭގެ ބަދަލުގައި، ތިޔަބައިމީހުންނަށް މަރުގެ އެންމެ ހިތި ރަހަ ލިބޭނެ، އަދި އަހަރެމެންގެ މި ސަރަހައްދުގައި ތިޔަބައިމީހުންގެ އެއްވެސް ނިޝާނެއް ބާކީއެއް ނުވާނެ." މިދިޔަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދިންއިރު، ލުބުނާނުގެ ހިޒްބުالله އާއި އިރާގުގެ ހަތިޔާރު އެޅި ޖަމާއަތްތައް ހިމެނޭ "އެކްސިސް އޮފް ރެސިސްޓެންސް" ގެ ނަމުން މަޝްހޫރުވެފައިވާ އީރާނުގެ ބައިވެރިން އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، މިފަހަރު ކަންތައްތައް ތަފާތުވާނެކަމަށް އިޝާރާތް ކުރައްވަމުން އަލް-ހާމިދާވީ ވަނީ "އެކްސިސްގެ ބާރުތަކުން އީރާނަށް އެހީތެރިވުމުގެ މުހިންމުކަމާއި، އެބަޔަކަށް ކުރެވުނު ކޮންމެ ގޮތަކުން އެހީތެރިވުމަށް" ބާރުއަޅުއްވާފައެވެ.
ކަތާއިބު ހިޒްބުالله އަކީ 2014 ވަނަ އަހަރު އައިއެސް ގެ ކުރިއެރުންތައް ހުއްޓުވުމަށް އުފެއްދި ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް ގައި ހިމެނޭ އެންމެ ބޮޑު އެއް ޖަމާއަތެވެ. އާދީއްތަ ދުވަހު އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް-ސޫދާނީއާ ފޯނުން ގުޅުއްވައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނާ ދުރުމިނެއް ބެހެއްޓުމަށް ބަޣުދާދަށް ބާރުއަޅުއްވާފައެވެ.
10 އަހަރަށްވުރެ ގިނަ ދުވަހަށްފަހު ނޫރީ އަލް-މާލިކީ އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، ރޫބިއޯ ވިދާޅުވީ "މެދުއިރުމަތީގެ ހަމަޖެހުމާއި، ތަނަވަސްކަމާއި، ސަލާމަތުގެ ބާރެއްގެ ގޮތުގައި އިރާގުގެ ފުރިހަމަ ގާބިލިއްޔަތު ހާސިލުކުރެވިދާނެ" ކަމަށެވެ. އަލް-މާލިކީ އެންމެ ފުރަތަމަ ބޮޑުވަޒީރުކަމަށް ވަޑައިގަތީ 2006 ވަނަ އަހަރު އެމެރިކާގެ ތާއީދާއެކުގައެވެ. ނަމަވެސް، އިރާގުގައި އައިއެސް އުފެދުމަށް މަގުފަހިވި މަޒްހަބީ ސިޔާސަތުތަކެއް ގެންގުޅުއްވި ކަމުގެ ތުހުމަތާއެކު އެމެރިކާއާ އޮތް ގުޅުން ވަނީ ގޯސްވެފައެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، "އީރާނުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސަރުކާރަކަށް އިރާގުގެ އަމިއްލަ މަސްލަހަތު އިސްކޮށް، ސަރަހައްދީ ހަމަނުޖެހުންތަކުން އިރާގު ދުރުކޮށް، ނުވަތަ އެމެރިކާއާއި އިރާގާ ދެމެދު އޮންނަ ދެފަރާތަށް ފައިދާހުރި ބައިވެރިވުން ކުރިއަށް ނުގެންދެވޭނެކަން ސެކްރެޓަރީ ފާހަގަކުރެއްވި" ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން މިހާރު ވަނީ އިންތިހާއަށް ގޮސްފައެވެ. މި މަހުގެ ކުރީކޮޅު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ސަރުކާރާ ދެކޮޅު މުޒާހަރާވެރިން ދައުލަތުގެ މުއައްސަސާތައް ހިފުމަށް ގޮވާލައްވައި، "އެހީތެރިކަން އަންނަނީ" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ދެބަސްވާ މީހުން މެރުން ހުއްޓާލާނެ ކަމުގެ ޔަގީންކަން ތެހެރާނުން ދިނުމުން، އީރާނަށް ހަމަލާދިނުން މަޑުޖައްސާލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ފަހުން ވަނީ ރޫހު މަޑުކުރައްވާފައެވެ. އެހެންނަމަވެސް، އެމެރިކާގެ ސަރުކާރުން ވަނީ މެދުއިރުމައްޗަށް އެއަރކްރާފްޓް ކެރިއަރ ސްޓްރައިކް ގްރޫޕެއް ފޮނުވައި، ގަލްފް ސަރަހައްދުގައި އެގައުމުގެ އަސްކަރީ ބާރު ވަރުގަދަކޮށްފައެވެ.
ފަހަކަށް އައިސް، މަސްރަހު ގޯސްވެދާނެ ކަމުގެ ބިރަށްޓަކައި ބައެއް އެއާލައިންތަކުން ވަނީ އިސްރާއީލް ހިމެނޭހެން މި ސަރަހައްދުގެ ދަތުރުތައް މެދުކަނޑާލާފައެވެ. ތެހެރާނުން ވަނީ ކޮންމެ ހަމަލާއަކުންވެސް ދިފާއުވާނެ ކަމަށް ވައުދުވެފައެވެ."އީރާނުން ޑިޕްލޮމެޓިކް ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާއިރު، އެ ގައުމުގެ އިސްތިގުލާލަށް އަރައިގަންނަ ކޮންމެ ހަމަލާއަކަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަރުގަދަ ރައްދެއް ދޭނެ،" އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޯމަ ދުވަހު ވިދާޅުވިއެވެ. ޓްރަމްޕް ހުކުރު ދުވަހު އިންޒާރު ދެއްވި ގޮތުގައި އޭނާ ގެންދަވަނީ އީރާނުގެ ކަންތައްތައް "ވަރަށް ގާތުން" ބައްލަވަމުންނެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން އެ ގައުމާ ދިމާލަށް "ބޮޑު ފައުޖެއް" ފޮނުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. "އަދި ފަހަރުގައި އަހަރެމެންނަށް އެ ބޭނުންކުރާކަށް ނުޖެހިދާނެ،" އެމެރިކާގެ ރައީސް ވިދާޅުވިއެވެ. "ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވުމުގެ ގޮތުން، އެ ދިމާލަށް ގިނަ އަދަދެއްގެ މަނަވަރުތައް އެބަދޭ، ބޮޑު ފްލޮޓިލާއެއް (މަނަވަރުތަކުގެ ފައުޖެއް) އެ ދިމާލަށް އެބަދޭ، ދެން ވާގޮތެއް ބަލަމާ ހިނގާ