މެކްސިކޯގައި މަސްތުވާތަކެތީގެ ބޮޑެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ކެނެޑާގެ ކުރީގެ އޮލިމްޕިކްސް ސްނޯބޯޑަރަކު ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އިން ހައްޔަރުކޮށްފިއެވެ.
އެ އިދާރާއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އުމުރުން 44 އަހަރުގެ ރަޔަން ވެޑިންގް ހައްޔަރުކުރީ މެކްސިކޯ ސިޓީންނެވެ. އޭނާ އެމެރިކާއަށް ގެންގޮސްފައިވަނީ ކޮކެއިން ޓްރެފިކް ކުރުމާއި މީހުން މެރުމުގެ ދައުވާގައެވެ.
"އޭނާއަކީ މި ޒަމާނުގެ އެލް ޗާޕޯއެއް. އޭނާއަކީ މި ޒަމާނުގެ ޕަބްލޯ އެސްކޯބާރެއް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފް.ބީ.އައިގެ ވެރިޔާ ކާޝް ޕަޓޭލް ވިދާޅުވިއެވެ. އޭނާ މި އިޝާރާތް ކުރެއްވީ މެކްސިކޯގެ ކާޓެލް ލީޑަރު ހޯކިން ގުޒްމާން އާއި ކޮލަމްބިއާގެ ކާޓެލް ލީޑަރު އެސްކޯބާރަށެވެ.
ޕަޓޭލް އިތުރަށް ވިދާޅުވި ގޮތުގައި، ވެޑިންގްއާ ސިނަލޯއާ ކާޓެލްއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި އޭނާ މެކްސިކޯގައި ދިރިއުޅެމުން ދިޔައީ އެ ކާޓެލްގެ ހިމާޔަތުގެ ދަށުގައި ކަމަށް ބެލެވެއެވެ. އޭނާ އެ ގައުމުގައި ފިލައިގެން އުޅޭތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ ހައްޔަރުކުރުމަށް މަގުފަހިވާ މައުލޫމާތެއް ދޭ ފަރާތަކަށް އެފް.ބީ.އައި އިން ވަނީ 15 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.
އެފް.ބީ.އައި އިން ބުނާ ގޮތުގައި، ވެޑިންގް ކޮންޓްރޯލް ކުރަމުންދިޔަ ނެޓްވޯކުން އަހަރަކު 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިދާ މަސްތުވާތަކެތީގެ ވަގުފާރިން ހޯދައެވެ.
"މި މީހާއާއި ސިނަލޯއާ ކާޓެލްގައި އޮތް އޭނާގެ ޖަމާއަތުން ވަނީ އުތުރު އެމެރިކާގެ މަގުތަކަށް މަސްތުވާތަކެތި އޮއްސާލާފައި. އަދި އަހަރެމެންގެ އެތައް ޒުވާނުންނެއް މަރާލައި، އެތައް ރައްޔިތުންނެއް ފަސާދަކޮށްފައި،" ވެޑިންގް އަތުލައިގަތް ގޮތުގެ އިތުރު ތަފްސީލެއް ނުދެއްވައި ޕަޓޭލް ވިދާޅުވިއެވެ.
އެފް.ބީ.އައިގެ ލޮސް އެންޖެލިސް ފީލްޑް އޮފީހުގެ އެސިސްޓަންޓް ޑައިރެކްޓަރު އަކިލް ޑޭވިސް ނޫސްވެރިންނަށް ވިދާޅުވީ، "އެލް ހެފޭ"، "ޖަޔަންޓް" އަދި "ޕަބްލިކް އެނެމީ" ފަދަ ނަންނަމުން މަޝްހޫރުވެފައިވާ ވެޑިންގް، ހޯމަ ދުވަހު އެމެރިކާގެ ކޯޓަކަށް ފުރަތަމަ ފަހަރަށް ހާޒިރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޑޭވިސް ވިދާޅުވި ގޮތުގައި، ވެޑިންގްގެ މަސްތުވާތަކެތީގެ ނެޓްވޯކާ ގުޅުންހުރި 36 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެތައް މިލިއަން ޑޮލަރެއްގެ މުދާ ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި އަގުބޮޑު ކާރުތަކާއި، އަގުބޮޑު ކުރެހުންތަކާއި ގަހަނާ ހިމެނެއެވެ.
މަސްތުވާތަކެތީގެ ދައުވާތަކުގެ އިތުރުން، 2002 ވަނަ އަހަރުގެ ސޯލްޓް ލޭކް ސިޓީ އޮލިމްޕިކްސްގައި ކެނެޑާއަށް ވާދަކުރި ވެޑިންގްގެ މައްޗަށް ވަނީ، އޭނާގެ ވާދަވެރިން ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެހީތެރިވާ މީހުން މަރާލުމަށް "އެސެސިންސް" ނުވަތަ ކުއްޔަށް މީހުން މަރާ މީހުން ބޭނުންކުރި ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.
މިދިޔަ އަހަރު ހުށަހެޅި ދައުވާތަކުގައި ޕްރޮސިކިއުޓަރުން ތުހުމަތުކުރި ގޮތުގައި، ވެޑިންގް ވަނީ އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތައްޔާރުވި ހެކިވެރިއަކު މަރާލުމުގައި ބައިވެރިވެފައެވެ. ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި، އެ ހެކިވެރިޔާ މަރާލުމަށް 5 މިލިއަން ޑޮލަރުގެ އިނާމެއް ވެޑިންގް ހުށަހެޅުމުން، އޭނާގެ ގަޔަށް ފަސް ފަހަރު ބަޑިޖަހައި ވަނީ މަރާލާފައެވެ.
މީގެ އިތުރުން، ކޮކެއިން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ޑްރައިވަރަކު މަރާލުމަށްވެސް ވެޑިންގް އަމުރުކުރި ކަމަށް ޕްރޮސިކިއުޓަރުން ތުހުމަތުކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އޮންޓޭރިއޯއަށް ޒިޔާރަތްކުރި ދެމަފިރިއަކު، އޮޅުމަކުން ބަޑިޖަހައި ވަނީ މަރާލާފައެވެ.
މި ހައްޔަރުކުރުން މި ހިނގީ، މެކްސިކޯއިން އެމެރިކާއަށް ކާޓެލް މެންބަރުން ހަވާލުކުރުން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ޓްރަމްޕްގެ ސަރުކާރުން މެކްސިކޯގައި އަސްކަރީ ހަރަކާތްތައް ހިންގިޔަ ނުދިނުމަށް ކުރާ މަސައްކަތެކެވެ.
މި މަހުގެ ކުރީކޮޅު ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކުރި ޓްރަމްޕްގެ ސަރުކާރުން ވަނީ، މެކްސިކޯގެ ހުއްދަ އޮތަސް ނެތަސް އެފަދަ އޮޕަރޭޝަންތައް ހިންގާނެ ކަމުގެ އިންޒާރު ދީފައެވެ.