ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ފުވައްމުލައް ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އޭގެ ތެރޭގައި ޏ. ފުވައްމުލައް / މިސްކިތްމަގު. ރޯޝަން، އަބްދުﷲ ޝިފާއު (26އ) އާއި އިތުރު މީހަކު ހިމެނެ އެވެ. ނަމަވެސް ދެން ހައްޔަރު ކުރި މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 112.9 ގުރާމްހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި 25،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ޝިފާއު 15 ދުވަހަށް ބަންދުުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަނެއް މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.