ކުޑަކުދިންގެ ނަހަމަ ފައިދާ ނަގައި އެކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ ކުޑަކުދިން ކުށްކުރުމަށް ބޭނުންކުރާ މައްސަލަތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު މާލޭން ވަނީ 16 އަހަރުގެ ކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ ކުށްކުރުމަށް ބޭނުންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައެވެ. ސީޕީ ނަވީންގެ ވާހަކަފުޅު ބިނާކުރެއްވީ މި ހާދިސާއަށް އިޝާރާތްކުރައްވައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ގާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ،" ސީޕީ ލިޔުއްވާފައިވެއެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި މުޖުތަމައުގެ އިޖުތިމާއީ ޒިންމާއެއްކަން ފާހަގަކުރައްވައި، މިކަމުގައި އެންމެންގެ އެހީތެރިކަމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
މިފަދަ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ ގައުމީ އެމަޖެންސީ ހޮޓްލައިން 911 ބޭނުންކުރުމަށް ފުލުހުން ވަނީ އެދިފައެވެ.