ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ތުހުމަތުވާ މުހައްމަދު އަގީލް ތައިލޭންޑުގެ ބެންކޮކުން ހައްޔަރުކޮށްފިއެވެ.
ފުލުހުންވަނީ މުހައްމަދު އަގީލް ތައިލޭންޑުގައި ހިފަހައްޓާފައިވާކަން ކަށްވަރުކޮށްދީފެއެެވެ.
މީގެ އިތުރުން އެނާ އަބުރާ ރާއްޖެ ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ތައިލެންޑުން ހިފެހެއްޓި ސަބަބައެއް އަދި ސާފުވާގޮތެއްވަނީ ނުވެފައެވެ.
ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާ ލޯންޑާކޮށްދިނުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އޭނާއަށް ކޮށްފައިވާއިރު، ޝަރީއަތަށް ހާޒިރު ނުވާތީ އޭނާގެ ގިނަ އަޑުއެހުންތަކެއް ވަނީ ކެންސަލްވެފައެވެ. މަނީ ލޯންޑާ ކޮށްދިނުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވަނީ އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެހީތެރިވެދީފައިވާތީއެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމުގެ މައްޗަށް މިހާތަނަށް 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެއީ ހަތަރު އަހަރުގެ ހުކުމަކާއި ފަސް އަހަރުގެ ހުކުމެއްގެ އިތުރުން 23 އަހަރުގެ ހުކުމެވެ. މި ހުކުމްތަކުގެ ތެރެއިން 4 އަހަރުގެ ޖަލު ހުކުމާއި 5 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.