އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ވަގުތުން ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި އިންޒާރު ދީފައިވަނީ އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް އޮތް ވަގުތު ކުޑަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޔޫރަޕްގެ އިއްތިހާދުން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އަކީ "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި ބްލެކްލިސްޓް ކޮށްފައެވެ.
އީރާނުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވީ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގައި "ސީރިއަސް ނާޒުކު ކަންތައްތަކެއް" އެބަހުރި ކަމަށެވެ. އަދި ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަކީ އީރާނުގެ މެދު ރާސްތާގެ މިސައިލްތަކުން ހަމަލާދެވޭނެ ރޭންޖުގައި ހުރި ތަންތަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނުތަނަވަސްކަމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ "މި ސަރަހައްދަށް ބިރުވެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ފަދަ ކާރިސާއަކުން ސަލާމަތްވުމަށް" މަޝްވަރާގެ މަގު އިހުތިޔާރުކުރުން މުހިންމު ކަމަށެވެ.
މި ދަނޑިވަޅުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލްޘާނީ އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. ގަތަރު ނިއުސް އެޖެންސީ (ކިއުއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މަސްރަހު ފިނިކުރުމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުންނެވެ.