އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު އަމަލުތަކާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ކަނޑައަޅައިފިއެވެ.
އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް ބުރާސްފަތި ދުވަހު ވިދާޅުވީ، އައި.އާރް.ޖީ.ސީ އަކީ "ޓެރަރިސްޓް" ގްރޫޕެއްގެ ގޮތުގައި ކަނޑައެޅުމަށް އެ އިއްތިހާދުގެ ޚާރިޖީ ވަޒީރުން "ވަރުގަދަ ފިޔަވަޅެއް" އަޅާފައިވާ ކަމަށެވެ. "އަނިޔާވެރިކަމަށް ރައްދު ނުދީ ދޫކޮށްލެވިގެން ނުވާނެ،" ސޯޝަލް މީޑިއާގައި ކަލާސް ލިޔުއްވާފައިވެއެވެ. "އަމިއްލަ ގައުމުގެ އެތައް ހާސް ރައްޔިތުންނެއް މަރަމުންދާ ކޮންމެ ނިޒާމަކީ އަމިއްލަ ހަލާކަށް މަސައްކަތްކުރާ ނިޒާމެއް."
އީރާނުގެ ޚާރިޖީ ވުޒާރާއިން މި ނިންމުން ކުށްވެރިކޮށް ބުނެފައިވަނީ، މިއީ "ޣައިރު ގާނޫނީ، ސިޔާސީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު" ނިންމުމެއް ކަމަށާއި، މިއީ އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބޭނުން ކަމަށެވެ. އަދި ތެހެރާނުން ބުނެފައިވަނީ، ގައުމުގެ އިސްތިގުލާލާއި، ގައުމީ ސަލާމަތާއި، އީރާނުގެ ރައްޔިތުންގެ މަސްލަހަތު ދިފާއުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނުތަކުގެ އޮނިގަނޑުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. އަދި މި އަމަލުގެ ނަތީޖާއަށް ޔޫރަޕިއަން ޔޫނިއަން އާއި އެ އިއްތިހާދުގެ މެންބަރު ގައުމުތަކުން ޒިންމާވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

1979 ވަނަ އަހަރުގެ އީރާނުގެ އިސްލާމީ އިންގިލާބަށްފަހު އުފެއްދި އައި.އާރް.ޖީ.ސީ އަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ގޮފި ކަމަށްވާއިރު، އެ ޖަމާއަތުން ސީދާ ޖަވާބުދާރީވަނީ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށެވެ. އަދި އީރާނުގެ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމްތައް ބަލަހައްޓަނީވެސް އެ ޖަމާއަތުންނެވެ.
މީގެ އިތުރުން، މުޒާހަރާތައް ހުއްޓުވުމުގައި "އީރާނުގައި އިންސާނީ ހައްގުތަކަށް ބޮޑެތި އުނިކަންތައްތަކެއް ދިނުމުގައި ޒިންމާވާ" 15 ފަރުދަކާއި ހަ މުއައްސަސާއަކާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަން ޔޫރަޕިއަން ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ އިއުލާނުކޮށްފައެވެ. ފިޔަވަޅު އެޅި މީހުންގެ ތެރޭގައި އީރާނުގެ ދާޚިލީ ވަޒީރު އެސްކަންދަރު މޮމެނީ އާއި ޕްރޮސިކިއުޓަރ ޖެނެރަލް މުހައްމަދު މުވައްހިދީ-އާޒާދު ހިމެނޭ ކަމަށް ކައުންސިލުން ނެރުނު ބަޔާނެއްގައިވެއެވެ.
އިންފްލޭޝަން މަތިވުމާއި އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތަކާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު ފެށުނު ބޮޑު މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމާ ގުޅިގެން އީރާނަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 2,427 އާންމުންނާއި ސަލާމަތީ ބާރުތަކުގެ މެންބަރުން ހިމެނޭހެން ޖުމްލަ 3,117 މީހުން ވަނީ މަރުވެފައެވެ. އަދި މި ހަމަނުޖެހުންތަކަށް ހިތްވަރުދެނީ އިސްރާއީލާއި އެމެރިކާއިން ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ. އެމެރިކާގައި ހުންނަ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ އިން ބުދަ ދުވަހު ބުނި ގޮތުގައި، މުޒާހަރާތައް ފެށުނު ފަހުން މަދުވެގެން 6,373 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 5,993 މުޒާހަރާގެ ބައިވެރިން ހިމެނެއެވެ.
ބްރަސަލްސްއިން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ހާޝިމް އަހެލްބައްރާ ބުނީ، އައި.އާރް.ޖީ.ސީ ބްލެކްލިސްޓް ކުރުމަށާއި އީރާނުގެ އޮފިޝަލުންނަށް ފިޔަވަޅު އެޅުމަށް އީޔޫއިން ނިންމި ނިންމުމަކީ ތެހެރާނަށް "ސިޔާސީ ވަރުގަދަ މެސެޖެއް" ދިނުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ކަމަށެވެ. "މިއީ ފަސޭހަ ނިންމުމެއް ނޫން، ޚާއްސަކޮށް އައި.އާރް.ޖީ.ސީ އަކީ 'ޓެރަރިސްޓް ޖަމާއަތެއް' ކަމަށް ކަނޑައެޅުމުގެ ނިންމުން،" އަހެލްބައްރާ ކިޔައިދިނެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޚާއްސަކޮށް ފަރަންސޭސިވިލާތުން އުންމީދުކޮށްގެން ތިބީ އީރާނާއެކު މުއާމަލާތް ކުރެވޭނެ މަގެއް ބޭއްވުމަށެވެ.
މިދަނޑިވަޅުގައި، އީރާނުގެ އޮފިޝަލުން ވަނީ އީޔޫގެ ނިންމުންތަކަށް ވަރުގަދައަށް އިންކާރުކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި، އީޔޫއިން "އަލިފާނަށް ދަރު އަޅަމުންދާ" ކަމަށް ތުހުމަތުކުރައްވާފައެވެ. "އީޔޫގެ ވަކި ފަރާތަކަށް ބުރަވެފައިވާ ނުރުހުމުގެ ފަހަތުގައިވާ ކަނޑައެޅިގެން ފެންނަން އޮތް މުނާފިގުކަން އެއްފަރާތްކޮށްލާއިރު - ގާޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅައި، އީރާނުގެ 'އިންސާނީ ހައްގުތައް ދިފާއުކުރަން' އަވަސްވެގަތުމަކީ - ޔޫރަޕަކީ ވަރަށް ބޮޑަށް ބަލިކަށިވަމުންދާ ބައެއްކަން ފޮރުވުމަށް ހިންގާ ޕީއާރު ސްޓަންޓެއް،" ސޯޝަލް މީޑިއާގައި އަރާގްޗީ ލިޔުއްވާފައިވެއެވެ.

"މީގެ އިތުރުން، އަހަރެމެންގެ ސަރަހައްދުގައި ފެށިދާނެ ފުރިހަމަ ހަނގުރާމައެއްގެ ސަބަބުން ޔޫރަޕަށް ބޮޑެތި އަސަރުތަކެއް ކުރާނެކަން ޔަގީންވާއިރު - އޭގެ ތެރޭގައި ހަކަތައިގެ އަގުތައް އުފުލިގެން ދިއުން ހިމެނޭ - އީޔޫގެ މިހާރުގެ މި އަމަލުތަކަކީ އެމީހުންގެ އަމިއްލަ މަސްލަހަތަށްވެސް ވަރަށް ބޮޑަށް ގެއްލުން ހުރި ކަމެއް."
މި ވާހަކަތަކަށް ތާއީދުކޮށް އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ޖެނެރަލް ސްޓާފުން ނެރުނު ބަޔާނެއްގައި، އައިއާރުޖީސީ ލިސްޓުކުރުމަކީ "ބުއްދިއަށް ގަބޫލުނުކުރެވޭ އަދި ޒިންމާދާރުކަން ކުޑަ" ކަމެއްގެ ގޮތުގައި ސިފަކޮށް، އެއީ "އީރާނުގެ ރައްޔިތުންނާއި ގައުމުގެ މިނިވަންކަމަށް އޮތް ދުޝްމަންކަމުގެ ސާފު ހެއްކެއް" ކަމަށް ބުނެފައިވެއެވެ.
އީރާނުގެ ވެރިރަށް ތެހެރާނުން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ތައުހީދު އަސަދީ ފާހަގަކުރި ގޮތުގައި، އީރާނާއި އީޔޫއާ ދެމެދު އުފެދިފައިވާ މި "މިސާލެއް ނެތް ފަދަ" ނުތަނަވަސްކަން އައީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ހަވާލާދީ، ފާއިތުވި ހަފުތާތަކުގައި އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ.
ބުދަ ދުވަހު ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި، އެމެރިކާގެ "ބިޔަ" ކަނޑުގެ ސިފައިންގެ ފައުޖެއް އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށާއި، ވޮޝިންޓަނާއެކު ނިއުކްލިއާ މަޝްވަރާތަކަށް ތެހެރާނުން އެއްބަސްނުވެއްޖެނަމަ، އެމީހުންގެ މިޝަން ފުރިހަމަކުރުމަށް "ބާރުގެ ބޭނުންކުރަން" ތައްޔާރަށް ތިބި ކަމަށެވެ.
އީރާނުގެ އިސް އޮފިޝަލުން ވަނީ ޓްރަމްޕްގެ ވާހަކަތަކަށް އިންކާރުކޮށް، ބިރުދެއްކުމުގެ ދަށުގައި ތިބެ މަޝްވަރާތަކަށް އެއްބަސްނުވާނެ ކަމަށާއި، އެމެރިކާގެ އެއްވެސް ހަމަލާއަކަށް "ވަގުތުން އަދި ވަރުގަދަ" ރައްދެއް ދިނުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އީރާނާ ދެކޮޅަށް އިސްރާއީލުން 12 ދުވަހުގެ މުއްދަތަށް ދިން އަސްކަރީ ހަމަލާތަކުގައި ބައިވެރިވެފައެވެ. އެ ހަމަލާތަކުގައި އީރާނުގެ ތިން ނިއުކްލިއާ މަރުކަޒަކަށް ހަމަލާދީފައިވާއިރު، ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ އެ ހަމަލާތަކުން އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށެވެ.