އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ޕޫޓިން

ޓްރަމްޕް އުފައްދަވާ 'ބޯޑް އޮފް ޕީސް' ގައި ބައިވެރިވުމަށް ޕޫޓިންއަށް ދައުވަތު އަރުވައިފި

މުހައްމަދު ހަމީޒް
 
14 ދުވަސް ކުރިން

ގާޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ބަލަހައްޓާނެ ކޮމިޓީ ކަމަށްވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް ދައުވަތު އަރުވާފައިވާ ކަމަށް ޕޫޓިންގެ ތަރުޖަމާނު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިމިތުރީ ޕެސްކޯވް ވިދާޅުވީ، "މި ބޯޑް އޮފް ޕީސްގައި ބައިވެރިވުމުގެ ދައުވަތު ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް ރައީސް ޕޫޓިންއަށް ވެސް ވަނީ ލިބިވަޑައިގެންފައި" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކްރެމްލިންއިން މިހާރު ދަނީ އެ ދައުވަތު މުރާޖައާ ކުރަމުންނެވެ. އަދި "އެމެރިކާގެ ފަރާތުން އިތުރު ތަފްސީލު ލިބޭނެ ކަމަށް އުންމީދުކުރާ" ކަމަށް ވެސް ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ބެލަރޫސްގެ ފޮރިން މިނިސްޓްރީން ބުނީ، އެ ގައުމުގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯއަށް ވެސް އެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ޕްރެސް ސާވިސްއިން ބުނި ގޮތުގައި، "ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ މަތިވެރި މަސްއޫލިއްޔަތު އުފުލުމަށާއި، ނަމޫނާ ދެއްކުމަށާއި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި އަދި ތަނަވަސް މުސްތަގުބަލެއް ހޯދައިދިނުމަށް އިންވެސްޓްކުރުމަށް ތައްޔާރަށް އޮތް ގައުމެއްގެ ގޮތުގައި އެމެރިކާއިން ބެލަރޫސް ބަލައިގަންނާތީ" މިންސްކުން އެކަން ވަރަށް ބޮޑަށް ބަލައިގަނެއެވެ.

ލުކަޝެންކޯއަކީ ޕޫޓިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އޭނާއަކީ ޔޫރަޕްގެ އެންމެ ފަހުގެ ޑިކްޓޭޓަރުގެ ގޮތުގައި ސިފަކުރެވެއެވެ.

ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ މި ބޯޑު އުފެއްދުމަކީ، އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ދެ އަހަރު ވަންދެން ކުރި ހަނގުރާމައިގައި ސުންނާފަތިވެފައިވާ ގާޒާ ހަތިޔާރު ނައްތާލައި އަލުން އާރާސްތުކުރުމަށް އދ. ގެ ތާއީދާއެކު އެމެރިކާއިން އެކުލަވާލާފައިވާ ޕްލޭންގެ މުހިންމު ފިޔަވަޅެކެވެ.

ނަމަވެސް، މިކަމާ މެދު ހިތްހަމަނުޖެހުމުގެ ނިޝާންތައް މިހާރު ވެސް ވަނީ ފެންނަން ފަށާފައެވެ. އަޔަލޭންޑްގެ ފޮރިން މިނިސްޓަރު ހެލެން މެކެންޓީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި އިންޒާރު ދެއްވި ގޮތުގައި، ޓްރަމްޕް ހުށަހަޅުއްވާފައިވާ މި މަޖިލީހުގެ އިހުތިސާސް "ގާޒާގެ ސުލްހައިގެ ޕްލޭން ތަންފީޒުކުރުމަށްވުރެ ފުޅާވެގެންދާނެ" އެވެ.

"ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތް ދެމެހެއްޓުމުގެ ހާއްސަ އިހުތިސާސާއި، ގައުމުތައް އެއްކޮށްގެން އާންމު ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ އދ. އަށް. އދ. ގައި އުނިކަންތައްތަކެއް ހުރި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިސްކަން މިހާރު ކުރިއަށްވުރެ މާ މުހިންމު،" އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް އެކުލަވާލެވޭ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ބޯޑު" ގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާ މި ކޮމިޓީގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ، ކެނެޑާގެ ކުރީގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މާކް ކާނީ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހިމެނިވަޑައިގަންނަވާނެއެވެ.

މި ބޯޑުގެ ބާނީ މެންބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށް ޓްރަމްޕް އިސްރާއީލަށް ވެސް ދައުވަތު ދެއްވާފައިވާ ކަމަށް އިސްރާއީލުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ސީއެންއެންއަށް ކިޔައިދިނެވެ. އެ އޮފިޝަލް ބުނި ގޮތުގައި މި ދައުވަތު ދީފައިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނުވަތަ އޭނާގެ ފަރާތުން އެހެން މަންދޫބަކަށެވެ.

މިހާތަނަށް ކިތައް ދައުވަތު ފޮނުވާފައިވާ ކަމެއް ސާފެއް ނޫނެވެ. ބައިވެރިވުމަށް އެދިފައިވާ ގައުމުތަކާއި ދުނިޔޭގެ ލީޑަރުންގެ މައުލޫމާތު ލިބެމުންދަނީ ވައިޓް ހައުސްގެ ބަދަލުގައި އެކި ގައުމުތަކުން ވަކިވަކިންނެވެ.

މި ދައުވަތުތަކުގެ ތެރެއިން އެއް ދައުވަތު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއަށް ވެސް ފޮނުވާފައިވެއެވެ. ނަމަވެސް، އެ ކަމުގައި ބައިވެރިނުވުމަށް ފްރާންސުން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޕާސްކަލް ކޮންފަވްރޫ ހޯމަ ދުވަހު ސީއެންއެންއަށް ވިދާޅުވިއެވެ.ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި، މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީ އަދި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރގެ އޮފީސްތަކުން ނެރުނު ބަޔާންތަކަށް ބަލާއިރު، މި ބޯޑާ ގުޅުމުގެ ދައުވަތު އެ ބޭފުޅުންނަށް ވެސް ވަނީ ލިބިވަޑައިގެންފައެވެ. އިންޑިއާގައި ހުންނަވާ އެމެރިކާގެ ސަފީރު ސާޖިއޯ ގޯ ވިދާޅުވި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް ވަނީ މި ދައުވަތު އަރުވާފައެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކޮމިޓީގެ މެންބަރުން 1 ބިލިއަން ޑޮލަރު ދައްކަވައިފިނަމަ އެ ބޭފުޅުންނަށް ދާއިމީ ގޮނޑިއެއް ލިބިވަޑައިގަންނަވާނެއެވެ. ބޯޑަށް ފައިސާ ދިނުމަކީ މަޖުބޫރު ކަމެއް ނޫން ނަމަވެސް، 1 ބިލިއަން ޑޮލަރު ނުދައްކާ މެންބަރުންގެ ދައުރަކީ ތިން އަހަރު ދުވަސް ކަމަށް އެ އޮފިޝަލް ސީއެންއެންއަށް މައުލޫމާތު ދެއްވިއެވެ.

އެއްކުރެވޭ ހުރިހާ ފައިސާއެއް ހޭދަކުރާނީ ގާޒާ އަލުން އާރާސްތުކުރުމަށް ކަމަށާއި، "ބައިނަލްއަގުވާމީ އެހެން ޖަމިއްޔާތަކުގައި އޮންނަ ފަދަ ބޮޑެތި މުސާރަތަކާއި އިދާރީ ބޮޑެތި ހަރަދުތަކެއް މި މަޝްރޫއަކު ނޯންނާނެ" ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ޕޫޓިން މި ބޯޑަށް އައްޔަންކުރުމަކީ، 2022 ވަނަ އަހަރު ޔޫކްރެއިނަށް ފުރިހަމަ އުދުވާނެއް ފެއްޓެވި ފަހުން ބައިނަލްއަގުވާމީ ގިނަ މަޝްރޫއުތަކުން އެކަހެރިކޮށްފައިވާ ރަޝިޔާގެ ލީޑަރު، ދުނިޔޭގެ މަސްރަހަށް އާދަޔާ ހިލާފު ގޮތަކަށް އެނބުރި ވަޑައިގަތުމުގެ ފުރުސަތަކަށް ވާނެއެވެ.

އިސްރާއީލާއި ހަމާސްގެ ކުރިމަތިލުންތަކުގައި ކްރެމްލިންގެ ބައިވެރިވުން ކުޑަ ނަމަވެސް، ހަނގުރާމަ ފެށުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އިސްރާއީލާއި ހަމާސްއާ ދެމެދު އޮތް ގުޅުމުގެ ބޭނުން ހިފައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރަޝިޔާއިން ހުށަހެޅިއެވެ.

ހުޅަނގުގެ ގިނަ ގައުމުތަކާ ހިލާފަށް، ރަޝިޔާއިން ރަސްމީކޮށް ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަކަށް ނުބަލައެވެ. އޮކްޓޯބަރު 7، 2023 ގައި އިސްރާއީލަށް ދިން ހަމަލާގައި ރަޝިޔާގެ މަދުވެގެން 20 ރައްޔިތުން މަރުވެ ނުވަތަ ރަހީނުކޮށްފައިވީ ނަމަވެސް، އެ ހަމަލާގެ ހަފުތާތަކެއް ފަހުން ހަމާސްގެ އިސް ލީޑަރުން މޮސްކޯއަށް ޒިޔާރަތްކުރެއްވިއެވެ.

2024 ވަނަ އަހަރު، ގާތްގަނޑަކަށް ދެ ދަހަރު ވަންދެން ހިޔާލުތަފާތުވުންތައް އުފެދިފައިވާ ފަލަސްތީނުގެ އެކި ފެކްޝަންތައް މޮސްކޯގައި ބައްދަލުކުރިއެވެ. ރަޝިޔާގެ ދައުލަތުގެ ނިއުސް އެޖެންސީ 'ޓާސް' އިން މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މި ހަފުތާގެ ފަހުކޮޅު ރަޝިޔާއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.