ނޮވެމްބަރު 2024 ގައި ހިޒްބުﷲ އާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ލުބުނާނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި އިތުރު ދެ މީހަކު މަރުވެއްޖެއެވެ. މި ހަމަލާތަކަކީ އެއްބަސްވުމަށްފަހު އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރަމުންދާ އުދުވާނުގެ ތެރެއިން ދިން ހަމަލާތަކެކެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދިއްތަ ދުވަހު އިސްރާއީލުން ވަނީ އިރުމަތީ ބެކާ ވާދީއަށާއި ލުބުނާނުގެ ދެކުނުގެ ބައެއް އަވަށްތަކަށް ހަމަލާދީފައެވެ. އޭގެ ތެރޭގައި ބޫސްލައިޔާ އަދި އައިތާ އަލް-ޝާބް ހިމެނެއެވެ. ބިންތު ޖުބައިލް ސަރަހައްދުގެ ހިރްބެތު ސެލްމްގައި ހުރި ގުދަނަކަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ މި ހަމަލާ އަމާޒުކުރީ ހިޒްބުﷲގެ "ހަތިޔާރު އުފައްދާ މަރުކަޒަކަށް" ކަމަށެވެ. ނަމަވެސް މިކަމުގެ އެއްވެސް ހެއްކެއް އެ ގައުމުން ދައްކާފައެއް ނުވެއެވެ. މީގެ އިތުރުން ދެކުނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޓައިރްގެ އިރުމަތީގައި އޮންނަ ދެރުދްގާޔާއަށް ދިން ހަމަލާއެއްގައި ސްކޫލް ޓީޗަރެއް ކަމަށްވާ މުހައްމަދު އަލް-ހުސައިނީ މަރުވެފައިވާ ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މި ހަމަލާތައް ދީފައިވަނީ ހިޒްބުﷲގެ ހަތިޔާރު އަތުލުމަށް އިސްރާއީލުން ބޮޑު އުދުވާނެއް ފަށާފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ލުބުނާނު ސަރުކާރުން ބުނެފައިވަނީ ލިޓާނީ ކޯރުގެ ދެކުނުން އެ ޖަމާއަތުގެ ހަތިޔާރުތައް ނެގުމުގެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން އަދިވެސް ދަނީ ލުބުނާނުގެ ފަސް ސަރަހައްދެއް ހިފައިގެން ތިބުމުގެ އިތުރުން، ބޯޑަރު ކައިރީގައިވާ އަވަށްތައް ސުންނާފަތިކޮށް، އާންމުން އެނބުރި އައުމަށް ހުރަސް އަޅަމުންނެވެ.
ހިޒްބުﷲ އިން ބުނަމުންދަނީ އިސްރާއީލުގެ ހަމަލާތަކުން ދިފާއުވުމަށް އެ ޖަމާއަތުގެ ހަތިޔާރު ބޭނުންވާ ކަމަށެވެ. 2024 ވަނަ އަހަރު އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި ހިޒްބުﷲގެ އިސް ވެރިންނާއި ލީޑަރު ހަސަން ނަސްރުﷲ ވަނީ އަވަހާރަކޮށްލާފައެވެ. މީގެ ސަބަބުން އެ ޖަމާއަތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.
މިހާރު އޮތް ހާލަތަށް ބަލާއިރު، ލުބުނާނަށް މަޖުބޫރުވެފައިވަނީ އެއްފަރާތުން ސުލްހަ ގަބޫލުކޮށްގެން ތިބުމަށެވެ. އިސްރާއީލުން ކޮންމެ ދުވަހަކު ހަމަލާދެމުންދާއިރު ލުބުނާނުން އެއްވެސް ރައްދެއް ނުދެއެވެ. ހިޒްބުﷲ އިން ދަނީ ލުބުނާނު ސަރުކާރަށް ގޮވާލަމުން، ސުލްހައިގެ މެދުވެރިން ކަމަށްވާ އެމެރިކާ އާއި ފްރާންސް މެދުވެރިކޮށް އިސްރާއީލުގެ މި އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ.