އިސްލާމްދީނާ ދެކޮޅަށް ކެމްޕޭން ކުރަމުންދާ އިސްރާއީލުގެ ސޯޝަލް މީޑިއާ އިންފްލުއެންސަރެއްގެ ވިސާ އޮސްޓްރޭލިއާއިން ކެންސަލްކޮށްފިއެވެ. އެ ގައުމުން ބުނީ ނަފުރަތު ފެތުރުމަށްޓަކައި އެ ގައުމަށް ޒިޔާރަތްކުރާ މީހުން ބަލައިނުގަންނާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "ނަފުރަތު ފެތުރުމަކީ އޮސްޓްރޭލިއާއަށް އައުމަށް އޮތް ރަނގަޅު ސަބަބެއް ނޫން" ކަމަށެވެ. މި ބަޔާން ނެރުއްވީ އިންފްލުއެންސަރު ސެމީ ޔަހޫދު، އޭނާގެ ފްލައިޓް އިސްރާއީލުން ފުރުމުގެ ތިން ގަޑިއިރު ކުރިން ވިސާ ކެންސަލްކުރިކަން އިއުލާންކުރިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
އޭއެފްޕީ ނިއުސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި ބާކް ވިދާޅުވީ އޮސްޓްރޭލިއާއަށް ޒިޔާރަތްކުރަން ބޭނުންވާ މީހުން ރަނގަޅު ވިސާއަށް އެދި ހުށަހަޅަންޖެހޭނެ ކަމަށާއި، އަންނަންވާނީ ރަނގަޅު މަގުސަދުތަކެއްގައި ކަމަށެވެ.
ވިސާ ކެންސަލް ކުރުމުގެ އެންމެ މަދު ގަޑިއިރުތަކެއް ކުރިން ޔަހޫދު އެކްސްގައި ލިޔެފައިވަނީ، "އިސްލާމްދީނުގައިވާ ގޮތުން، އެ ދީނަކީ ކާފިރުންނާއި، ދީން ދޫކޮށްލާ މީހުންނާއި، އަންހެނުންގެ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާއި، ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކަށް ކެތްކުރާ ދީނެއް ނޫން" ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ އިސްލާމްދީނަކީ "ފަކުރުގަންނަ ފަދަ ފިކުރެއް" އަދި "އުދުވާނީ" ދީނެއްގެ ގޮތުގައި ސިފަކޮށްފައެވެ. ސިޑްނީގެ ބޮންޑައި ބީޗުގައި ހުންނަ ޔަހޫދީންގެ ފާހަގަކުރުމެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި 15 މީހުން މަރުވުމާ ގުޅިގެން، އޮސްޓްރޭލިއާއިން ވަނީ މި މަހުގެ ކުރީކޮޅު ނަފުރަތުގެ ކުށްތަކާ ބެހޭ ގާނޫނުތައް ހަރުކަށިކޮށްފައެވެ.
އިނގިރޭސިވިލާތަށް އުފަން، އަދި ފަހުން އިސްރާއީލުގެ ރައްޔިތަކަށްވި ޔަހޫދު ދާދިފަހުން ކުރި ޕޯސްޓެއްގައި، އެމެރިކާގެ މުސްލިމް މަންދޫބު އިލްހާން އުމަރު އެމެރިކާއިން ބޭރުކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި އެހެން ޕޯސްޓެއްގައި އޭނާ ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ، އުންރުވާ އަށް މަލާމާތްކޮށްފައެވެ.
އިސްރާއީލުން މިދިޔަ ހަފުތާގައި ވަނީ އިރުމަތީ ގުދުސްގައި ހުންނަ އުންރުވާގެ މައި މަރުކަޒު ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލަން ފަށާފައެވެ. މި އަމަލު ދުނިޔޭގެ ޖަމިއްޔާތަކުންނާއި ފަލަސްތީނުގެ ލީޑަރުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
އޮސްޓްރޭލިއާގެ ވިސާ ކެންސަލް ކުރި ނަމަވެސް، ޔަހޫދު ބުނީ އޭނާ އިސްރާއީލުން އަބޫދާބީއަށް ދަތުރުކުރި ކަމަށާއި، ނަމަވެސް މެލްބަންއަށް ދާން އޮތް ފްލައިޓަށް އެރުން ހުއްޓުވާފައިވާ ކަމަށެވެ. "އަހަރެން އޮސްޓްރޭލިއާއަށް ވަނުން މަނާކޮށްފައިވަނީ ގާނޫނާ ހިލާފަށް، އަދި އަހަރެން މިކަމާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" އޭނާ އެކްސްގައި ލިޔެފައިވެއެވެ.
ޔަހޫދުގެ ވިސާ ކެންސަލްކޮށްފައިވަނީ މީގެ ކުރިން ވެސް ނަފުރަތު ފަތުރާ މީހުންގެ ވިސާ ރިޖެކްޓް ކުރުމަށް ބޭނުންކޮށްފައިވާ ގާނޫނުގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްކައި ނިއުސް އޮސްޓްރޭލިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިސްޓަރު ބާކް މީގެ ކުރިން ވެސް ވަނީ އިސްރާއީލް-އެމެރިކާގެ އެކްޓިވިސްޓް ހިލޭލް ފުލްޑްގެ ވިސާ އޭނާގެ "އިސްލާމޯފޯބިކް" ވާހަކަތަކާ ގުޅިގެން ބާތިލްކޮށްފައެވެ. އަދި އިސްރާއީލުގެ ހަރުކަށި ފިކުރުގެ ސިޔާސީ ވެރިއެއް ކަމަށްވާ ސިމްޗާ ރޮތްމަންގެ ވިސާ ވެސް ވަނީ، އޭނާގެ ދަތުރުގެ ސަބަބުން ބައިބައިވުން އުފެދިދާނެ ކަމުގެ ބިރަށްޓަކައި ބާތިލްކޮށްފައެވެ.
ޔަހޫދު ސިޑްނީއާއި މެލްބަންގެ ހަރަކާތްތަކުގައި ވާހަކަދެއްކުމަށް ދައުވަތު ދިން އޮސްޓްރޭލިއަން ޖޫވިޝް އެސޯސިއޭޝަނުން ވަނީ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްގެ ސަރުކާރުގެ މި ނިންމުން "ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށް ބުނެފައެވެ.