އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި މާރާމާރީ ހުއްޓުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން އިލްތިމާސްކޮށްފިއެވެ.
ޣައްޒާގެ ސަރަޙައްދު ހިފެހެއްޓުމަށް އިޒްރޭލުން އެއްގަމުން ދެމުންގެންދާ ހަމަލާތައް ހަރުދަނާކުރުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މިފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެ، އިންސާނީ ބޮޑު ހަލާކެއް ކުރިމަތިވެދާނެ ކަމަށެވެ.
އިޒްރޭލުން ޣައްޒާގެ މަދަނީ ރައްޔިތުންނަށް ކުރިމަތިކުރުވަމުންދާ އުނދަގޫތައް ހުއްޓުވުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުން އެއްބައިވެ، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފައިވެއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މައިގަނޑު މަބްދަޢުތަކާ ޚިލާފަށް، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަކީ ނުބަލާ ދޫކޮށްލެވޭނެ ކަންކަމެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ، މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން ސަރުކާރުން ކަށަވަރުކޮށްދެއެވެ.
މި ހަނގުރާމައިގެ ދާއިމީ އަދި އިންސާފުވެރި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދުތަކަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަން ހިންގާ ރަށްކަމުގައި ހަމަޖައްސައި، މިނިވަން އަދި އަމިއްލަ ފަލަސްތީނު ދައުލަތެއް އުފެއްދިގެންކަމަށް ފޮރިން މިނިސްޓްރީން ހާމަކުރިއެވެ.