ފޮރިން މިނިސްޓަރު އަބްދު‎الله ހަލީލް.

އިޒްރޭލު - އީރަން ހަނގުރާނަ ނިމުނުފަހުން ދިވެހި ސަރުކާރުގެ ބަހެއް!

މަރިޔަމް ސަމްހާ
 
14 ދުވަސް ކުރިން

އީރާނާއި އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިވާކަން އިޒްރޭލާއި އެމެރިކާއިން އިއުލާނުކޮށްފައި ވަނިކޮށް، އެ ހަނގުރާމައާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ބަސް ބުނެފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދު‎الله ހަލީލް މި މައްސަލައާ ގުޅޭ ގޮތުން ބަހެއް ބުނެފައި މިވަނީ މި ހަނގުރާމަ ކުރާތާ 12 ވަނަ ދުވަހުއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. 

މިވަގުތު އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، އެ ގައުމުތަކުގައި ދިރިއުޅޭ އަދި މިވަގުތު ޒިޔާރަތްކުރަމުން ގެންދާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، އެ ގައުމުތަކުގެ ސަރުކާރުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އެއްބާރުލުން އޮތީ ކޮން ގައުމަކާއެކު ކަމެއް އަދި މި ހަނގުރާމަ ހުއްޓާލުމާމެދު ރާއްޖެއިން ދެކޭ ގޮތުގެ އެއްވެސް ވާހަކައެއް މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައެއް ނުވެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ހަނގުރާމަ ފެށިގެން މިވީހާ ދުވަސްތަކުގައިވެސް މިނިސްޓަރުގެ އެކްސް އެކައުންޓުގައި އެކި ކަންކަމާ ގުޅޭ ގޮތުން މަރުހަބާ ދަންނަވާ ޕޯސްޓުތައް ކޮށްފައިވާއިރު، މި ހަނގުރާމައާ މެދު ހުންނެވީ ހަނުކަން ފާހަކަޮށްލެވެއެވެ.