ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް

އިންކުއަރީ ރިޕޯޓު ހާމަކުރަން ރައީސް އަންގަވައިފި

މަރިޔަމް ސަމްހާ
 
5 މަސް ކުރިން

ހ. ފެންޓެނޯއީ ގެއިން ހ. މީޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުގެ ތަހުގީގީ ރިޕޯޓު ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުގެ ތަހުގީގީ ރިޕޯޓު ނިންމާ ރައީސް އަށް ހަވާލުކުރި ކަމަށް އެ ކޮމިޝަނުން ބުނެފައިވަނީ މިއަދުއެވެ.

އިންކުއަރީ ރިޕޯޓާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނަށް އެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، މުޅި ރިޕޯޓު އެއްކޮށް ޝާއިޢުކުރުމަށް ކޮމިޝަނަށް ލަފާދެއްވާފައިވާ ކަމަށެވެ.

އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައި ވަނީ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަން އުފެއްދެވީ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެންނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ކޮމިޝަން އުފެއްދެވި ނަމަވެސް ފަހުން ވަނީ އެ އަދަދު ފަހަކަށް އިތުރުކުރައްވާފައެވެ.

ރިޔާސީ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައި ވަނީ ޑރ. މުހައްމަދު މުނައްވަރެވެ. މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި އާމިނަތު އީނާސްގެ އިތުރުން ޖަބީން މުހައްމަދެވެ.

ޔުމްނު ވެއްޓުނުގެ ހާދިސާ އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އެ ކޮމިޝަނުން ވަނީ ޕޯޓަލްއެއް ތައްޔާރުކޮށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. ކޮމިޝަނުން ބުނެފައި ވަނީ ހާދިސާ އާ ގުޅޭ އެއްވެސް މައުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ނަމަ ނުވަތަ އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންވާ ނަމަ ވެސް އެކަން ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރީ ރައުދު އަހްމަދު ޒިލާލް އެކަންޏެވެ. ޕްރޮސެޖިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ ކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު: 2014/9) ގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާ ރައުދުގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 18 އެޕްރީލް ވަނަ ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަދިވެސް ފުލުހުންނަށް ޔުމްނުގެ ބަޔާން ނެގިފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ބަޔާން ނުނެގިފައިވަނީ އާއިލާގެ ފަރާތުންވެސް ތަހުގީގަށް އެއްބާރުލުން ނުލިބޭތީ ކަމަށެވެ.