މިއަދު ފެންނަން މިއޮތީ ހެޔޮ ވެރިކަމެއްގެ ނިޝާންތައް: ނައިބު ރައީސް

އާއިޝަތު އަނާ ރަޝީދު
 
4 ދުވަސް ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަމުން ގެންދަވަނީ ވަރަށް ބޮޑު ވިސްނުންތެރިކަމަކާ އެކު ކަމަށާއި، އެކަމުގެ ސަބަބުން މުޅި ދައުލަތާއި މުޖުތަމަޢުން ހެޔޮވެރިކަމުގެ އަސަރުތައް ފެންނަމުންދާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ކުރީގެ އެއްވެސް ރައީސަކަށް އަތްލާން ނުކެރުނު އެތައް މައްސަލަތަކެއް ހައްލުކުރެއްވުމަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ކުރިން، ގައުމުގެ ކަންކަން ހިނގަމުންދިޔައީ މުޖުތަމަޢުގައި ނޭދެވޭ ކަންކަން އުފެދި، ރައްޔިތުންގެ ނަފްސުގެ ރައްކާތެރިކަން ގެއްލޭ ހިސާބަކަށެވެ. އެކަން ދިމާވީ ކުރީގެ ރައީސުން ފަސޭހަ ގޮތްތައް އިޚްތިޔާރު ކުރެއްވުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ކުރީގެ ވެރިން ފަސޭހަ ގޮތްތައް އިޚްތިޔާރުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ނޭދެވޭ ކަންކަން އުފެދި، ނަފްސުގެ ރައްކާތެރިކަން ނެތް ހިސާބަކަށް ގައުމުގެ ކަންކަން ދިޔަ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ވޭޕް މަނާކުރުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، "ރައީސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ވޭޕް މަނާކުރުމާއި، މިސާލަކަށް މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަންތައް ފެށުއްވީ، އެކަން ހުއްޓުވުމަށްޓަކައި މުޖުތަމަޢުގެ ތެރޭގައި އޮތް ބިރުވެރިކަން ނައްތާލުމަށްޓަކައެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތައް މުޖުތަމަޢުގެ ތެރެއަށް އަލުން ގެނެވޭނެ ގޮތަކަށް އެމީހުންނަށް ރިހެބިލިޓޭޝަންގެ ފުރުސަތު ހޯދައިދީގެން އެ މަސައްކަތް ފެއްޓެވީއެވެ."

އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ވަކި ނިޒާމެއްގެ ތެރެއިން ކަމަށާއި، އެއީ ހަމައެކަނި ހުންނަވާފައި ކުރައްވާ ކަންކަމަށް ނުވާތީ، މި މަސައްކަތްތަކަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ރައީސް މަސައްކަތް ކުރައްވަނީ މުއައްސަސާތައް ވަރުގަދަކުރައްވައި، އެ ތަންތަނަށް ދޭންޖެހޭ ގާނޫނީ ބާރު ވެސް ދެއްވައިގެން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، "ކޮންމެ ފިޔަވަޅެއް ވެސް އެ އަޅުއްވަނީ ވަރަށް ވިސްނުންތެރިކަމާ އެކު، ވަކި ނިޒާމެއްގެ ތެރެއިން. އެންމެ ނިކަމެތި ރައްޔިތަކަށް ވެސް އޭގެ ފައިދާ ލިބޭނެ ގޮތަކަށެވެ. ދިވެހި ނިކަމެތި ރައްޔިތެއްގެ ހިތަށް އެ އިހުސާސް ވުމަކީ، އެއީ އިޚްލާސްތެރި އަދި ކިޔަމަންތެރި ވެރިއަކު ހުރިކަމުގެ ހެއްކެކެވެ."

އެމަނިކުފާނު އިތުރަށް ވިދާޅުވީ، "އެއީ ހެޔޮވެރިކަމެވެ. ހެޔޮވެރިކަމުގެ ނިޝާންތައް މިއަދު ދިވެހި ދައުލަތުންނާއި، މުޅި މުޖުތަމަޢުން ވެސް ފެންނަމުން މިދަނީއެވެ."

ނައިބު ރައީސް ވިދާޅުވީ، ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި ރައީސާ އެކު ވަރަށް ބަދަހިކޮށް، އެކުވެރިކަމާ އެކުގައި މަސައްކަތް ކުރައްވާ ކަމަށާއި، ހުރިހާ މަސައްކަތްތަކެއްގައި ވެސް ރައީސްގެ ލަފަޔާއި އިރުޝާދު ލިބިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.