އެހެން ކަމަކާއި ދެން ވިސްނާނީ ވެސް މި ވެރިކަން ބަދަލުކުރުމަށްފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޮޑު ބަދަލުގެ ގޮތުގައި މިހާރު އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ފައްޔާޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެެކެވެ.
އައްޑުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ވަޒީފާއެއްގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ ރާއްޖެ ގޯސްކޮށް ދިޔަނުދިނުމަށް ކަމަށާއި މި ވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން އެމްޑީޕީން މަސައްކަތް ކުރަނީ އެކަމަށް ކަމަށާއި، އެކަން ކުރުމަށް އޮތް އެންމެ ރަނގަޅު މުއައްސަސާ އަކީ އެމްޑީޕީ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވަންދެން ހަމަގައިމު ވެސް އަޅުގަނޑު ހުންނާނަން. ވެރިކަން ބަދަލުކޮށްފައި އަޅުގަނޑު އެހެން ކަމަކާ ވިސްނާނީ ވެސް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހާތަނަށް ހުންނެވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އެ މަގާމު ފުރުއްވަމުން ގެންދެވިއިރު ނަޝީދު ދިރިއުޅުއްވަމުން ގެންދެވީ ގާނާގައި ކަމަށްވާއިރު، އެ މަގާމު ފުރުއްވުމަށް ސިޔާސީ ކަންކަމާއި ވެސް ނަޝީދު ދުރަށް ވަޑައިގެންނެވި އެވެ. ނަމަވެސް އެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނަޝީދު ވަނީ އަލުން ސިޔާސީ ކަންކަމަށް ނިކުންނަވާފަ އެވެ.