އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް

މާޒީގެ ވާހަކަ ދައްކާނެ ކަމެއް ނެތް، ހިނގާ އެންމެން އެއްވެގެން ކުރިއަށް: ފައްޔާޒު

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އާއި ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފޭދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ފައްޔާޒު ވަނީ މާޒީގެ ހިތްނުތަނަވަސްކަން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީއާ ދެކޮޅަށް ރައީސް ނަޝީދު ކުރިން ނިކުމެވަޑައިގެން ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މިވަގުތު އެންމެން ތިބީ އެކުގައި ކުރިއަށް ދިއުމަށް ނިންމައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިތިބީ އެ މަރުހަލާ ހުރަސްކޮށް ނިކުމެ އަލުން މިކަން ކުރަންވެގެން އައިސް، އެހެންވީމަ އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކައެއް ވެސް، ރައީސް ނަޝީދުގެ ވާހަކަ އެއްވެސް އެއްވެސް ބޭފުޅެއްގެ ވާހަކައެއް ދައްކާނެ ކަމެއް ނެތް. އަޅުގަނޑުމެން އެންމެން އެކީ މިތިބީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މި ގައުމު ސަލާމަތް ކުރެވެން އޮތީ އެމްޑީޕީގެ އެންމެން އެއްވެގެން ކުރާ މަސައްކަތުން ކަމަށެވެ. އެހެންކަމުން، އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް ދިއުމަށް އޭނާ ވަނީ ޕާޓީގެ މެންބަރުންނަށް ބާރުއަޅުއްވާފައެވެ.

މި ބައްދަލުވުމުގައި ފައްޔާޒު ވަނީ ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.