އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް 4،800 އަށް ވުރެ ގިނަ އާ މެމްބަރުން އެ ޕާޓީއާއި ގުޅިއްޖެ

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް 4،800 އަށް ވުރެ ގިނަ އާ މެމްބަރުން އެ ޕާޓީއަށް ވަދެއްޖެ އެވެ. 

އެމްޑީޕީން މިއަދު ބުނީ ޗެއާޕާސަން އިންތިހާބުގެ ކުރިން މެމްބާޝިޕް ފޯމު ފުރަން ރޭ 12:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލުމާ އެކު، އެހާތަނަށް އެ ޕާޓީއާ 4،868 މީހަކު އަލަށް ގުޅިފައިވާ ކަމަށެވެ. 

އެއާ އެކު، އެ ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދު މިހާރު 50,594 އަށް އަރާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. 

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލާން ހުޅުވާލީ އިއްޔެ އެވެ. އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. 

ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެމްބަރުން އަލްހާން ފަހުމީ އެވެ.

އެ ބޭފުޅުން މިހާރު އަންނަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ.