އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ބާތިލްކުރުމަށް އެ ޕާޓީގެ އިސްތިއުނާފީ ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފް ވަނީ އަންގަވާފައެވެ.
ޕާޓީގެ ވަގުތީ ޗެއާޕާސަން އަބުލްޣަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައި އަފީފް ވިދާޅުވީ، ޖޫން 12 ގައި އިންތިހާބު ބާއްވާނެކަމަށް ބުނެ އިއްޔެ ކުރި އިއުލާނާއި އޭގެ ތާވަލަކީ އޭނާގެ އިރުޝާދާ ހިލާފަށް ނިންމާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން އިންތިހާބީ ކަންކަން ރޭވުމުގެ ޒިންމާ އޮތީ އިސްތިއުނާފީ މަޖިލީހުގެ ރައީސަށް ކަމަށްވާއިރު، އޭނާއަށް އެނގުމަކާ ނުލައި ޕާޓީގެ އެހެން ގުނަވަނަކުން މިފަދަ ނިންމުމެއް ނިންމުމަކީ ގަވާއިދާ ހިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންތިހާބާ ބެހޭ ކޮމިޓީން އެކުލަވާލި ތާވަލަކީ ހަމައެކަނި ލަފައެއް ކަމަށާއި، އެކަމުގައި ގޮތެއް ނިންމާނީ ޕާޓީގެ ލީޑަޝިޕާ މަޝްވަރާކުރުމަށްފަހު ކަމަށް ކުރިންވެސް ބުނެފައިވާނެ ކަމަށް އަފީފް ވިދާޅުވިއެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ފަދަ ނިންމުންތައް މި ދަނޑިވަޅުގައި ނުނިންމުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
އަފީފްގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެމީހުންނަށް ނޭނގި ޕީއެންސީގެ ދަފްތަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެ މެންބަރުންނަށް އަލުން ޕާޓީއާ ގުޅުމުގެ ފުރުސަތު ނުދީ އިންތިހާބު ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންނާއި މެންބަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަބަބުތަކަށްޓަކައި، ޗެއާޕާސަން އިންތިހާބަށް އިއުލާންކޮށް އާންމުކުރި ތާވަލަކީ އަސާސީ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެކަން ބާތިލްކޮށްދިނުމަށް އަފީފް ވަނީ އެދިވަޑައިގެންފައެވެ.