މިހިނގާ ބަޖެޓަކީ 2020 ވަނަ އަހަރަށްފަހު ރާއްޖޭގެ ތާރީޚުގައި އައި އެންމެ ކުޑަ ޑެފިސިޓް ބަޖެޓު ކަމަށާއި، މިއީ އެއަހަރަށްފަހު ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭނެ ފުރަތަމަ ފަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" ނަމުގައި ހޯމަދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިއަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ ފާސްކޮށްފައިވާ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓަށް ވުރެ ކުޑަކޮށެވެ. އަދި މިއަހަރުގެ ފުރަތަމަ 40 ހަފުތާވެސް މިދިޔައީ އެއްވެސް ގޮތެއްގައި ބަޖެޓު ޑެފިސިޓް ނުވެ، މާލީ ހަރުދަނާކަން ދެމެހެއްޓިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލީ ކާމިޔާބީތަކާއި ރިޒަރވް އިތުރުވުން
ސަރުކާރުގެ މާލީ ކާމިޔާބީތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2023 ނޮވެންބަރު 17 ގައި ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާ ކަމުގައިވީ ނަމަވެސް، 2025 ނޮވެންބަރު 17 ގައި އެ ފަންޑުގައި 126 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ވިޔަފާރިތަކުން 584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ގްރޮސް ރިޒަރވްގައި މިހާރު 866 މިލިއަން ޑޮލަރު ހުންނާނެ ކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި މާލީ ކުރިއެރުންތައް ހޯއްދެވީ، ކުރީ ސަރުކާރުތަކުން ނުދައްކާ، ފުނި ޖައްސާފައި ހުރި ބިލުތަކަށް ޖުމުލަ 444.3 މިލިއަން ރުފިޔާ ދައްކަމުން، އެއްވެސް ފައިސާއެއް ޗާޕު ނުކޮށް، ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިންނެވެ.
ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރަތައް ބޮޑުވުން
މުސާރައިގެ ކުރިއެރުންތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ ކަމަށެވެ. އަދި، ކަންބޮޑުވުންތަކާ ގުޅިގެން ނެޝަނަލް ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ މިހާރު ބައްދަލުކޮށްފައިވާނެ ކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުންތައް ހުރި ހުރިހާ ދިމާލަކުން މައްސަލަ ހައްލުވެއްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ކުރިން އެންމެ ކުޑަ އަސާސީ މުސާރަ ކަމުގައިވާ 3،100 ރުފިޔާ ދެ ގުނައަށް ވުރެވެސް ބޮޑަށް އިތުރުވެ، މިހާރު އެންމެ ކުޑަ އަސާސީ މުސާރައަކީ 7،530 ރުފިޔާ ކަމުގައި ވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އަސާސީ މުސާރަ 5،610 ރުފިޔާއިން 9،110 ރުފިޔާއަށް ބޮޑުވެ 63 އިންސައްތަގެ ކުރިއެރުމެއް ލިބިފައިވާއިރު، މުދިމެއްގެ އަސާސީ މުސާރަ 3،565 ރުފިޔާއިން 8،295 ރުފިޔާއަށް އިތުރުވެ 133 އިންސައްތަގެ ކުރިއެރުމެއް ލިބިފައިވާ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިތުރު ގަޑީގެ ފައިސާއާ ބެހޭ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމީ ބަންދު ދުވަސްތަކާއި، ރަމަޟާން މަހުގެ ފަހު 10 އަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަންދުކުރާ ދުވަސްތައް "އޯވަރޓައިމް ކެޕް"ގެ ތެރެއިން މިހާރު އިސްތިސްނާކުރެވިފައިވާތީ މައިގަނޑު މައްސަލަ ހައްލުވެފައިވާ ކަމަށެވެ.