ގޫގްލްއިން އައްޑޫގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމުކުރަނީ

އާއިޝަތު އަނާ ރަޝީދު
 
4 ދުވަސް ކުރިން

ގޫގުލް ކުންފުނިން ވަނީ ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ބިނާކުރުމަށް ގޫގުލްއިން ވަނީ ރާވާފައެވެ.

މި ނިންމުމަށް މަރުޙަބާ ދަންނަވައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އިސްވެރިންނާ ބޭއްވެވި މަޝްވަރާތަކަށްފަހު ކުރިއަށް ގެންދަން ހަމަޖެހުނު މަސައްކަތެކެވެ. މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، މި ތާރީޚީ މަޝްރޫޢަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއި އީޖާދީ ދާއިރާގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިނިސްޓްރީން ބަޔާންކުރި ގޮތުގައި، ހިތަދޫގައި ގާއިމުކުރެވޭ މި ފެސިލިޓީގެ ސަބަބުން ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގައި ގާއިމުކުރެވޭ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެއަކީ މައި މަރުކަޒެއްގެ ގޮތުގައި ޤާއިމުވުމަށް މިކަމުގެ ސަބަބުން ފުރުސަތު ލިބިގެންދާނެއެވެ. މާލެއާއި ކުޅުދުއްފުށީގައި މިހާރު ހުރި ކަނެކްޓިވިޓީ ޕޮއިންޓްތަކާ އެކު، ހިތަދޫގައި ގާއިމުކުރެވޭ މި އިންޓަނޭޝަނަލް ޕޮއިންޓްގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ މަރުކަޒެއްގެ ދަރަޖަ ރާއްޖެއަށް ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ގޫގުލްގެ މި އިންވެސްޓްމަންޓަކީ ދުނިޔޭގެ މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓްކުރަން ބޭނުންވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. އަދި މީގެ ސަބަބުން ކްލައުޑް ސަރވިސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް ތަރައްޤީ ކުރުމަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ސަރުކާރުން އިޤްތިޞާދު ތަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ކުރާ މަސައްކަތުގައި މި މަޝްރޫޢަކީ މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށް މިނިސްޓްރީން ދެކެއެވެ. މި އިންގިލާބީ މަޝްރޫޢު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ.