ބިޑަކާ ނުލާ ޕްރޮޖެކްޓްތައް ހަވާލުކުރުމުން އެމްޑީޕީއިން ޕީޖީއަށް!

އާއިޝަތު އަނާ ރަޝީދު
 
4 ދުވަސް ކުރިން

ބީލަން ކުރުމެއް ނެތި ސަރުކާރުން 2.7 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރި މައްސަލަ ބަލައި ތަޙުޤީޤު ކުރުމަށް އެދި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ރަސްމީކޮށް ހުށަހަޅާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަބްބާސް ޝަރީފަށް އެމްޑީޕީން އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ، ވާދަވެރި ބީލަމަކަށް ނުގޮސް އަދި ހާމަކަމެއް ނެތި ކެބިނެޓުން ބޭނުންވާ ކުންފުނިތަކަކަށް މަޝްރޫޢުތައް ދިނުމަކީ، ރަސްމީ މަޤާމުގެ ނާޖާއިޒު ބޭނުންކުރުން ކަމަށާއި، މިކަމުގެ ސަބަބުން ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން، ކޮރަޕްޝަންގެ މި އަމަލުތައް ބަލައި، ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

އެމްޑީޕީގެ ފަރާތުން މި މައްސަލަ ޕީޖީއަށް ހުށަހެޅުމުގެ ކުރިން، އެންމެ ފުރަތަމަ އެ މައްސަލަ ހުށަހަޅާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެއިރު އެ ޕާޓީން އެދުނީ، ދައުލަތަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ، ކޮރަޕްޝަން ހުއްޓުވުމަށް ލިބިފައިވާ ޤާނޫނީ ބާރުގެ ދަށުން، އެ އެއްބަސްވުންތަކަށް އަމަލުކުރުން ފަސްކުރުމަށް އެދި ކޯޓަށް އެ މައްސަލަ ހުށަހެޅުމަށެވެ.

ނަމަވެސް، އޭސީސީގެ ތަޙުޤީޤު ކުރިއަށް ނުދާތީ ކަމަށް ބުނެ، އެ މައްސަލަ އިއްޔެ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށްފައެވެ.

މި މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް 53 ކުންފުންޏަކާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. ޖުމްލަ 206 ޕްރޮޖެކްޓް ހިންގަން ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުންހުރި ބޭފުޅުންގެ ކުންފުނިތައް ވެސް ހިމެނެއެވެ.

އެމްޑީޕީގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައިއިރު، ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ކަމާބެހޭ ހުރިހާ އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވާލާފައިވާ މާލިއްޔަތު ގަވާއިދެއް އޮތެވެ. ނަމަވެސް، ކޮރަޕްޝަން ހިންގުމަށް ފުރުސަތު ހޯދުމަށް އެ ގަވާއިދަށް ބަދަލުތައް ގެނެސްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ކެބިނެޓުން ނުވަތަ ކެބިނެޓް ކޮމިޓީއަކުން ކަނޑައަޅާ ކޮންމެ މަޝްރޫޢުއެއް، އެ ކޮމިޓީން ބޭނުންވާ ކޮންމެ ފަރާތަކަށް ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ހަވާލުކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ނަމަވެސް، އެ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުޅި ނިޒާމު ގަޑުބަޑުވެ، ރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިގެން ހިނގައިދާނެ ކަމުގެ ބޮޑު ކަންބޮޑުވުން އެ ސިޓީގައި ފާޅުކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ގިނަ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް ލިޔެފައިވެއެވެ.

އެގޮތުން، މަޝްރޫޢުތައް ކުރިން އިއުލާން ނުކުރުން، ސަރުކާރާ ގުޅުންހުރި ފަރާތްތައް ނޫން އެހެން ފަރާތްތަކަށް މަސައްކަތް ނުދިނުން، ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ ކުންފުނިތަކަށް މަސައްކަތް ހަވާލުކުރުން، އެ ކުންފުނިތަކުގެ ފަންނީ ޤާބިލުކަމާއި ތަޖުރިބާއަށް ނުބެލުން، އެއް ބާވަތުގެ މަޝްރޫޢުތައް ތަފާތު އަގުތަކުގައި ދިނުން، އަދި މަޝްރޫޢު ހަވާލުކުރުމުގައި އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމުކޮށްފައި ނެތުން ފަދަ ކަންކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ އެކު ތަރައްޤީގެ 206 މަޝްރޫޢުގައި ސޮއިކޮށް ރެކޯޑެއް ޤާއިމުކޮށްފައިވާއިރު، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި ދިމާވާ މައްސަލަތައް ވެސް އެބަހުރި ކަމަށް ވެއެވެ.