މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމަށް ސަރުކާރުން އާންމުކުރި އުސޫލުގެ ތެރެއިން، ދިވެހި ސިފައިންނާއި ފުލުހުންނަށް ޖުމްލަ 200 ފްލެޓް ދިނުމަށް އިއުލާންކޮށްފިއެވެ.
ރާއްޖޭގައި ބޮޑުވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މި ސަރުކާރުގެ "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު ރޭގައި ވަނީ އިފްތިތާހުކޮށްފައެވެ. މި ސިޔާސަތު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ސިޔާސަތުގެ ދަށުން މާލެއާއި ރަސްމާލެއިން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް މިއަދު ގެޒެޓުގައި ވަނީ އިއުލާންކޮށްފައެވެ. މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، ޖުމްލަ 7،500 ފްލެޓުގެ ތެރެއިން 100 ފްލެޓް ފުލުހުންނަށް އަދި 100 ފްލެޓް ސިފައިންނަށް ވަނީ ޚާއްސަކޮށްފައެވެ.
ސިފައިންނާއި ފުލުހުންނަށް ފްލެޓްތަކެއް ޚާއްސަކުރިއިރު، މީގެ ކުރިން ވެސް އެ ދެ މުއައްސަސާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ފްލެޓްތަކެއް އަޅައި ދިރިއުޅުމަށް ދޫކޮށްފައިވެއެވެ. އެ ފްލެޓްތައް އެޅުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔައިރު، އެ މައްސަލައާ ގުޅިގެން ސިފައިންނާއި ފުލުހުންގެ ބައެއް އިސް ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައެވެ.
އާ އުސޫލުގައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭންޖެހޭ ޚާއްސަ ކެޓަގަރީތަކަށް ޔުނިޓް ދޫކުރާނެ ގޮތްތައް ވެސް ހިމަނާފައިވެއެވެ. އެގޮތުން ޚާއްސަ ކޮށްފައިވާ ކެޓަގަރީތަކާއި ފްލެޓްގެ ޢަދަދުތައް ތިރީގައި މިވަނީއެވެ:
- އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން (100 ފްލެޓް)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (100 ފްލެޓް)
- އަލަށް ކައިވެނިކުރާ ނުވަތަ ޒުވާން އާއިލާތައް (250 ފްލެޓް)
- މާލޭގައި އާއިލާ ބިނާކޮށްފައިވާ، ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން (50 ފްލެޓް)
- މާލޭގައި އާއިލާ ބިނާކޮށްފައިވާ، ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން (200 ފްލެޓް)
- މާލޭގައި އާއިލާ ބިނާކޮށްފައިވާ، ޖުޑިޝަރީގެ މުވައްޒަފުން (100 ފްލެޓް)
- މާލޭގައި އާއިލާ ބިނާކޮށްފައިވާ، މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުން (100 ފްލެޓް)
- މައިމުލަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ މީހުން (50 ފްލެޓް)
- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ މީހުން (300 ފްލެޓް)
- ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތައް (50 ފްލެޓް)
- ފުލުހުންނާއި ސިފައިން (200 ފްލެޓް)
- ސިވިލް ސާވިސް މުވައްޒަފުން (200 ފްލެޓް)
މީގެ އިތުރުން، ދައުލަތުގެ 25 މުއައްސަސާއަކަށް 300 ފްލެޓް ދިނުމަށް ވެސް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. މި މުއައްސަސާތަކުގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، އެޓާނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުހިންމު އިދާރާތައް ހިމެނެއެވެ.
އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންނަށް ޝަރުތު ހަމަވާ ގޮތަށް ރާވާފައިވާ "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، މާލޭގެ ރަށްވެހިންނާއި މާލޭގައި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެއެވެ. މާލޭ ރަށްވެހިންގެ ކެޓަގަރީގައި ހިމެނެނީ ފެށުނީއްސުރެ މާލޭ ރަޖިސްޓްރީގައި ހިމެނޭ މީހުންނާއި، އެފަދަ ފަރާތްތަކެވެ.