އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު | ފޮޓޯ: މަޖްލިސް

ސަރުކާރާ ހިޔާލު ތަފާތުވެގެން ވަޒީފާއިން ވަކިކުރި އެކަކުވެސް ނުހުންނާނެ

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ސަރުކާރާ ހިޔާލު ތަފާތުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުރާ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ އެމްޑީޕީން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު، ވަޒީފާއިން ވަކިކުރި ކަމަށް ބުނާ މުވައްޒަފުންގެ އެއްވެސް ތަފްސީލެއް ހާމަކުރެވިފައި ނުވާ ކަމަށެވެ. މީގެ އިދިކޮޅަށް، އެމްޑީޕީގެ ވެރިކަންތަކުގައި ސިޔާސީ ސަބަބުތަކަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގައި ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ޖުމްލަ 751 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ ވެރިކަމުގައި 330 މީހުން އަދި 2018 ވަނަ އަހަރުގެ ވެރިކަމުގައި 421 މީހަކު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ތަފާސްހިސާބުތަކާއެކު ފާހަގަކުރެއްވި އެވެ.

"މި ވެރިކަމުގައި ތިން އަހަރާ ވުމަށް ކައިރިއަށް އަންނައިރު އިއްޒަތްތެރި ރައީސް، ފަނަރަ މީހުން ވެސް ނީންނާނެ، އެންމެ މީހަކު ވެސް ނަހައްގުގެ ގޮތުގައި ވަޒީފާއިން މި ސަރުކާރުން ވަކިކޮށްފައި ނޯންނާނެ." ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ޕާޓީގެ އެކްޓިވިސްޓުންނަށް ނުއަގުގައި ފަޅުރަށްތައް ބަހާލި މާޒީއަށްވެސް ފަލާހު އަލިއަޅުވާލެއްވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ވެރިކަން ލިބުމުން ވަކި ފިކުރަކަށް ތާއީދުކުރާ ރައްޔިތުންނަށް އިސްކަންދީ، އެހެން މީހުންނާ މެދު ތަފާތުކުރުން ގެންގުޅުން ކަމަށެވެ.

ދައުލަތުގެ މާލީ ހާލަތަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، ބަޖެޓު 50 ބިލިއަނަށް އަރާފައިވާއިރު އާމްދަނީ އުޅެނީ 30 އާއި 35 ބިލިއަނާ ދެމެދުގައި ކަމަށެވެ. މީގެ ސަބަބުން ކޮންމެ އަހަރަކު ބޮޑު އަދަދަކުން ދަރަނިވެރިވަމުންދާކަން ފާހަގަކުރައްވައި، ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި، އެއްގޮތް މަސައްކަތްތަކެއް ކުރާ ކުންފުނިތައް އެއްކޮށްލުމާއި، ހިންގުމުގެ ހަރަދުތައް ކުޑަކުރުން ހިމެނެއެވެ. ފަލާހު ވިދާޅުވީ ކުރީ ސަރުކާރުން ފެނަކަ ފަދަ ކުންފުނިތައް ބޮޑު ދަރަނީގައި ބާއްވައި، ތަރައްގީގެ މަސައްކަތްތައް ނަމަކަށް ކޮށްފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މާލީ ސިޔާސަތުތައް ހަރުދަނާކޮށް، އިތުރު ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތް ހިންގުމަށް ކަމަށެވެ. އެގޮތުން މި ސަރުކާރުން މާލީ ސިޔާސަތުތައް ހަރުދަނާކުރުމުގެ ސަބަބުން، ފާއިތުވި ދެ އަހަރުވެސް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހި ކުރިއަށްދާކަން ފާހަގަކުރައްވައި، ފަލާހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ އިގްތިސާދު ކުރިއެރުވުން ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުންގެ ތެރެއިން 33 އިންސައްތަ މުވަައްޒަފުން ވަކިކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އަންގާފަ އެވެ. އެކަމަށް ދީފައިވަނީ 3 މަސް ދުވަހެވެ. ނަމަވެސް އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އެއީ އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ކުރާ މަސައްކަތެކެވެ.